އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދަނޑުވެރިންނަށް އަމާޒުކޮށް އިސްރާއީލު ސިފައިން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ބާލާފައިވާ ޒައިތޫނިތަކާއި އުޅަނދެއް އަތުލައިގަނެ ދަނޑުވެރިކަމަށް ބޭނުންކުރާ އިމާރާތްތަކެއް ތަޅާލައިފި އެވެ.
މީގެ އިތުރުން ޒައިތޫނި ބާލާ މޫސުމާ ދިމާކޮށް ދަނޑުވެރިން އެމީހުންގެ ބިންތަކަށް ދިއުން ވެސް އިސްރާއީލު ސިފައިން ވަނީ ހުއްޓުވާފަ އެވެ.
ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާއެއް ކަމަށްވާ އަލްބައިދަރުން ނެރުނު ބަޔާނެއްގައި ބުނީ، ރާމަﷲގެ އިރުމަތީގައިވާ ދީރު ދިބްވާން އަދި ބުރުގާ އަވަށާ ދެމެދު އޮންނަ އަބޫ ޝަރީފް ސަރަހައްދުގައި ހުރި ފަލަސްތީނު މީހަކަށް އިސްރާއީލު ސިފައިން ހަމަލާދީފައިވާ ކަމަށެވެ. އަދި އޭނާގެ އުޅަނދާއި، ބާލާފައި ހުރި ޒައިތޫނިތައް ވެސް ސިފައިން ވަނީ އަތުލައިގެންފަ އެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބި، މި މޫސުމުގައި ދަނޑުވެރިންގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރި އެވެ.
ހުޅަނގު އައްސޭރީގެ ދެކުނުގައިވާ ހެބްރޮން ޕްރޮވިންސްގެ ސޫސިޔާ އަވަށާ ކައިރީގައި އޮންނަ ޣަޒިއްޔާ ސަރަހައްދުގައި، ދަނޑުވެރިކަމުގެ ބޭނުމަށް ހަދާފައިވާ ބައެއް އިމާރާތްތަކާއި ކޮޓަރިތައް ވެސް އިސްރާއީލު ސިފައިން ވަނީ ތަޅާލާފަ އެވެ. އަދި ހެބްރޮންގެ ތެލް މަޢީން ސަރަހައްދުގައި ބާލާފައި ހުރި ޒައިތޫނިތަކެއް ވެސް އިސްރާއީލުގެ ވަޒަންވެރިން ވަގަށް ނަގާފައިވާ ކަމަށް އަލްބައިދަރުން ބުންޏެވެ. މިގޮތަށް ތަންތަން ތަޅާލުމަކީ ދަނޑުވެރިން އެމީހުންގެ ބިންތަކުގައި މަސައްކަތް ކުރުމަށް އޮތް ބޮޑު ހުރަހެއް ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ.
މީގެ އިތުރުން، އުތުރުގެ ތުލްކަރްމް ޕްރޮވިންސްގެ ދީރުލް ޣުސޫން އަވަށުގެ ސަތޭކައަށް ވުރެ ގިނަ ދަނޑުވެރިން، ފާރުގެ އަނެއް ފަރާތުގައިވާ ދަނޑުތަކަށް ޒައިތޫނި ބާލަން ދިއުމުގެ ހުއްދަ އޮތް ނަމަވެސް، އެ ބިންތަކަށް ވަނުމަށް އިސްރާއީލު ސިފައިން ވަނީ ހުރަސްއަޅާފަ އެވެ. ޒައިތޫނި ބޭލުމަކީ ވަކި ހާއްސަ މޫސުމެއްގައި ކުރެވޭ އަދި ފަލަސްތީނުގެ ގިނަ އާއިލާތަކުގެ އާމްދަނީ ބިނާވެފައިވާ މައިގަނޑު ވަސީލަތް ކަމަށް ވުމުން، ދަނޑުތަކަށް ނުވަދެވުމުގެ ސަބަބުން ދަނޑުވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެ އެވެ.
ފަލަސްތީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި އޮކްޓޫބަރު މަސް ފެށުނު ފަހުން ޒައިތޫނި ބޭލުމާ ގުޅުވައިގެން އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ދިން 136 ހަމަލާއެއް ވަނީ ރެކޯޑުކުރެވިފަ އެވެ. އޭގެ ތެރޭގައި ތަޅައި އަނިޔާކުރުމާއި، ބިރުދެއްކުމާއި، ބަޑިޖެހުމާއި، ކަރުނަގޭސް ޖެހުމާއި، ހައްޔަރުކުރުމުގެ އިތުރުން ޒައިތޫނި ގަސްތަކަށް ގެއްލުންދީ ސާމާނު ވަގަށް ނެގުން ހިމެނެ އެވެ.
އޮކްޓޫބަރު 2023 ގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ޖަރީމާތައް ހިންގަން ފެށި ފަހުން، އިރުމަތީ ގުދުސް ހިމެނޭހެން މުޅި ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންނަށާއި އެމީހުންގެ މުދަލަށް އަމާޒުކޮށް އިސްރާއީލުން ދޭ ހަމަލާތަކާއި ރެއިޑްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!