އާންމު ބޭނުންތަކުގެ ހިދުމަތްތައް ރެގިއުލޭޓުކުރުމާ ގުޅޭގޮތުންނާއި، އެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ މައުލޫމާތު ސެޝަނެއް ށ. މިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަނަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އާއި ށ. މިލަންދޫ ކައުންސިލްގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ޔޫއާރުއޭ އިން މައުލޫމާތު ދެއްވާ ގޮތުގައި މި ސެޝަންގައި، އާންމު ބޭނުންތަކުގެ ހިދުމަތްތައް ރެގިއުލޭޓުކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ ހިދުމަތްތަކުގެ ދާއިރާތައް ކުރިއެރުވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ޔޫއާރުއޭ އިން މިލަންދޫގައި ކުރިއަށް ގެންދިޔަ ހާއްސަ މައުލޫމާތު ސެޝަންގެ ތެރެއިން، ފޮޓޯ: ޔޫއާރުއޭ
މީގެއިތުރުން ހަކަތައިގެ ދާއިރާގެ މަސައްކަތްތަކާއި އެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މައުލޫމާތު ވެސް ސެޝަންގެ ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ރާއްޖޭގައި ފެނާއި، ނަރުދަމާ، ކަރަންޓު އަދި ކުނި މެނޭޖުކުރުން ފަދަ އާންމު ބޭނުންތަކުގެ ހިދުމަތްތައް ރެގިއުލޭޓްކޮށް ހިންގުން ބެލެހެއްޓުމަށް ގާނޫނީ ގޮތުން އުފައްދާފައިވާ މުއައްސަސާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!