އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއީ ގާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން، މި އިއުލާނު ޝާއިއުކުރާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ފަހުން، ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާ އަދާކުރަން ފަށާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެކިއެކި ކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ އެ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިހާރު ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަޕްޑޭޓް ކުރުމަށް މިނިސްޓްރީން ވަނީ އާންމުންނަށް އަންގާފައެވެ. އެ މައުލޫމާތުތައް، އިއުލާނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިމްސް (SIMS) ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރަންޖެހެއެވެ.
މާލެ އަދި ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު މި އުސޫލުން ފުރަތަމަ މަރުހަލާގައި ފިޔަވަޅު އަޅަން ފަށާނީ ވަކި ޚާއްސަ ސަރަހައްދުތަކަކާއި މަގުތަކެއްގައެވެ. އެގޮތުން ހޮސްޕިޓަލްތަކާއި ސްކޫލްތައް ހުންނަ ސަރަހައްދުތަކާއި، ކަފިހިހުރަސްތަކުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދު ޕާކުކުރުމަށް ޚާއްސަކޮށްފައިވާ ސްލޮޓްތައް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގް ރޯޑް) ގައި ވެސް މި އުސޫލަށް އަމަލުކުރަން ފަށާނެއެވެ.
ހުޅުމާލޭގައި މި މަރުހަލާގެ ދަށުން ބަލާ ފާސްކުރާ މަގުތަކުގެ ތެރޭގައި ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން އަދި ރީތިގަސް މަގު ހިމެނެއެވެ. އަދި ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގު ވެސް ވަނީ މި ފުރަތަމަ މަރުހަލާގައި ހިމަނާފައެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެހައި ފަރާތްތަކުން ވެސް އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން މިނިސްޓްރީއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!