ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ސައިކަލު ދުއްވި މީހާ ހޮސްޕިޓަލުން ފަރުވާއަށްފަހު ދޫކޮށްލުމާއެކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިރުމަތީގެ / ލ. މާމެންދޫ، މުޙައްމަދު ސައިފް (27އ) އެވެ.
ފުލުހުން ވިދާޅުވީ ސައިފް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލުމުން، އޭނާ ހައްޔަރުކޮށްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލު ދުއްވަން އިން ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ހިލާފުވުމުގެ ބޮޑު ރެކޯޑެއް އޮތް މީހެކެވެ. އެގޮތުން، އޭނާއަކީ ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި، ދުއްވަމުން ދިޔައިރު މުވާސަލާތީ ވަސީލަތެއް ބޭނުންކުރުމުގެ ރެކޯޑްވެސް އޮންނަ މީހެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައެވެ. ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވެގެން ވަގުތުން ފަރުވާ ދޭން ފަށާފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވި ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި ތިން މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށެވެ. އަދި އެ ސައިކަލަކީ ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މީގެއިތުރުން، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!