ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ނޯވޭގެ ވައިކިންގް އަތުން ބަޔާން މިއުނިކް 3-3 އިން އެއްވަރުވި މެޗުގައި، އިދިކޮޅު ކުޅުންތެރިއެއްގެ ބޮލުގައި ބޯޅައިން ޖެހުމާ ގުޅިގެން މައިކަލް އޮލީސޭ އަށް ދެއްކި ރަތް ކާޑާއެކު ބަޔާނަށް ސިހުން ގެނުވައިފިއެވެ. މިއީ ސީނިއާ ކެރިއަރުގައި އޭނާ ދަނޑުން ފޮނުވާލި ފުރަތަމަ ފަހަރެވެ.

މި ހާދިސާ ހިނގީ ވައިކިންގް އިން އުފެއްދި ކައުންޓާ އެޓޭކެއް ހުއްޓުވުމަށް އޮލީސޭ ކުރި ޓެކްޓިކަލް ފައުލަކާ ގުޅިގެން ރެފްރީ އޭނާއަށް ރީނދޫ ކާޑު ދައްކަން ހުއްޓައެވެ. ރެފްރީ ކާޑު ދައްކަމުން ދަނިކޮށް، އަތުގައި އޮތް ބޯޅަ ވައިކިންގްގެ ކެޕްޓަން ޒްލަޓްކޯ ޓްރިޕިޗްގެ ބޮލަށް އޮލީސޭ ވަނީ ހޫރާލައިފައެވެ. އޭގެ ސަބަބުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި އޭނާ ދަނޑުން ފޮނުވާލުމުން، ނޯވޭގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

Ad
rt

އޮލީސޭ އަށް ރަތް ކާޑު ދެއްކި ވަގުތު ބަޔާން އޮތީ 3-2 އިން ކުރީގައެވެ. ނަމަވެސް އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، ވައިކިންގުން ވަނީ އަލުން މެޗުގެ ތެރެއަށް ވަދެފައެވެ. އެގޮތުން މެޗުގެ 90 ވަނަ މިނެޓުގައި ޓްރިޕިޗް ނަގައިދިން ހުރަހަކުން ހާމަން ހައުގަން ބޮލުން ޖަހައި ވައްދާލި ލަނޑާއެކު އެ ޓީމުން ވަނީ 3-3 އިން މެޗު އެއްވަރުކޮށް، ހައިރާންކުރަނިވި ނަތީޖާއެއް ނެރެފައެވެ.

މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރިހޯދީ ވައިކިންގް އެވެ. ނަމަވެސް ދެވަނަ ހާފުގައި ހެރީ ކޭން ޖެހިޖެހިގެން ޖެހި ދެ ލަނޑާއެކު ބަޔާނުން ނަތީޖާ ހަމަހަމަކުރިއެވެ. ކޭން ވަނީ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ކުޅުނު ނުވަ މެޗުގައި ލަނޑު ޖަހައިފައެވެ. އޭގެ ފަހުން ލުއިސް ޑިއާޒް ޖެހި ލަނޑުން ބަޔާނުން 3-2 އިން ކުރިހޯދީ އޮލީސޭ ދަނޑުން ފޮނުވާލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

މެޗަށްފަހު އެމެޒޯން ޕްރައިމް ބްރޯޑްކާސްޓަރަށް ދިން އިންޓަވިއުއެއްގައި ކޭން ބުނީ، އޮލީސޭ މިކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށާއި، މިކަމުން އޭނާ އިބުރަތް ހާސިލުކުރަން ޖެހޭނެ ކަމަށެވެ. އަދި އަންނަ ހަފުތާގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗު ސަސްޕެންޝަނުގެ ސަބަބުން ގެއްލޭތީ އޭނާ ވަރަށް ދެރަވާނެ ކަމަށް ކޭން ފާހަގަކުރިއެވެ.

"މިއީ ހިތާމައެއް، ސަބަބަކީ ޗެމްޕިއަންސް ލީގުގައި ކުރިއަށް އަހަރެމެންނަށް މުހިންމު ބޮޑެތި މެޗުތަކެއް އެބައޮތް. އަދި އެ މެޗުތައް ގެއްލުމުން އޭނާ ވަރަށް ދެރަވާނެ. އެކަމަކު މިއީ ފުޓްބޯޅަ. ބައެއް ފަހަރު ގޯސްތައް ހެދޭނެ، އެއީ ދިރިއުޅުމަކީ،" ކޭން ބުންޏެވެ.

މިދިޔަ މަހު ނޯވޭގެ އަނެއް ޓީމު ކަމަށްވާ ބޯޑޯ/ގްލިމްޓް އަތުން 5-0 އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ކެމްޕޭން ވަރުގަދަކޮށް ފެށި ބަޔާނުގެ ކުރިއެރުމަށް މި އެއްވަރުވުމާއެކު ވަނީ ހުއްޓުމެއް އައިސްފައެވެ. ދެވަނަ ހާފުގައި ދެއްކި ކުޅުމަށް ބަލާއިރު މެޗުން މޮޅުވާން ޖެހޭނެ ކަމަށް ފާހަގަކުރަމުން ކޭން އިތުރަށް ބުނީ، ލިބުނު ޕޮއިންޓާއެކު ދެން ޖެހޭނީ ކުރިއަށް ދާން ކަމަށެވެ.