ރަޝިއާގެ ދިފާއީ ކަންކަމާ ގުޅޭ މައުލޫމާތުތަކެއް އެއްކޮށް، ޖާސޫސުކުރި ކަމުގެ ތުހުމަތުގައި ޖަޕާނުގެ ނޫސްވެރިއަކު އެ ގައުމުގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން އަންގާރަ ދުވަހު ރިޕޯޓްކޮށްފިއެވެ.
އިންޓަފެކްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ ޖަޕާނުގެ "ހޮކައިޑޯ ޝިމްބުން" ނޫހަށް މަސައްކަތްކުރާ ނޫސްވެރިއެކެވެ. އެފްއެސްބީން ބުނީ އޭނާ ހައްޔަރުކުރީ ރަޝިއާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ސަޚާލިން ރީޖަނުން، އެ ގައުމު ދޫކޮށް ދާން އުޅެނިކޮށް ކަމަށެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ބަންދުގައި ބަހައްޓަން ވެރިރަށް މޮސްކޯއަށް ބަދަލުކޮށްފައެވެ.
ރަޝިއާގެ ދައުލަތުގެ ޓީވީން ދެއްކި މަންޒަރުތަކުގައި ފެންނަނީ، ކަޅު ކުލައިގެ ޔުނިފޯމު އަޅައި މޫނު ނިވާކޮށްގެން ތިބި ތިން މީހަކު، އޭނާ ބިންމައްޗަށް ވައްޓާލައި ބިޑިއަޅުވާ މަންޒަރެވެ. އަދި އޭނާގެ މައްޗަށް ޖާސޫސުކުރުމުގެ ތުހުމަތު އޮތް ކަމަށް ބުނާ އަޑު އެ ވީޑިއޯއިން އިވެއެވެ. މީގެއިތުރުން، އެފްއެސްބީގެ ދެ އޮފިޝަލަކާއެކު އޭނާ މަތިންދާބޯޓަކަށް އަރާތަނާއި، މޮސްކޯގެ ކޯޓެއްގައި ހަދާފައިވާ ކޮށީގެ ތެރޭގައި ހުއްޓައި ވެސް ޓީވީން ވަނީ ދައްކައިފައެވެ. އެ ކޯޓުން ވަނީ ގާތްގަނޑަކަށް ދެ މަސްދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދީފައެވެ.
ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ޖަޕާނުން ބައިވެރިވެފައިވާތީ، ރަޝިއާއިން ދެކޭގޮތުގައި ޖަޕާނަކީ އެކުވެރި ނޫން ގައުމެކެވެ. މި ހާދިސާއާ ގުޅިގެން މޮސްކޯގައި ހުންނަ ޖަޕާނުގެ އެމްބަސީން ރަސްމީ ގަޑިން ބޭރުގައި ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.
ދެވަނަ ބޮޑުހަނގުރާމައަށް ފަހު ރަޝިއާ އަދި ޖަޕާނާ ދެމެދު ރަސްމީކޮށް ސުލްހައިގެ އެއްބަސްވުމެއްގައި ދުވަހަކުވެސް ސޮއިކޮށްފައެއް ނުވެއެވެ. މިކަމަށް އޮތް މައިގަނޑު ހުރަހަކީ ކޫރިލް އައިލެންޑްސް ނުވަތަ ޖަޕާނުން ކިޔާ ގޮތުން ނަމަ "ނޮދަން ޓެރިޓަރީސް" ގެ ސަރަހައްދީ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލައެވެ. މިދިޔަ އޮގަސްޓް މަހު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެ ސަރަހައްދުގެ ރަށަކަށް ޒިޔާރަތްކުރެއްވުމާ ގުޅިގެން ޖަޕާނުގައި ބޮޑު ނުރުހުމެއް އުފެދުނެވެ. ނަމަވެސް ޓޯކިޔޯއިން ބުނެފައިވަނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމާއި ޔޫކްރެއިނަށް އެހީތެރިވުން ކުރިއަށް ގެންދާނެ ކަމަށެވެ.
ރަޝިއާގައި ބޭރުގެ ނޫސްވެރިއަކު ހައްޔަރުކުރި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 2023 ވަނަ އަހަރު ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓަރު އީވާން ގާޝްކޮވިޗް ހައްޔަރުކުރުމެވެ. ރަޝިއާގެ ކޯޓަކުން އޭނާ ޖާސޫސުކުރި ކަމަށް ސާބިތުވެ 16 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ހުޅަނގާއި ރަޝިއާއާ ދެމެދު ބަދަލުކުރި ގައިދީންގެ ތެރޭގައި އޭނާ ވަނީ މިނިވަންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!