ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ 11 ވަނަ ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހޯމަ ދުވަހު ކުޅުދުއްފުށީގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ނާޒިމާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް އެޑިޔުކޭޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙުމާ ސަޢީދުގެ އިތުރުން ހދ. އަތޮޅު ޕޮލިހުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.
މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވާ ދާއިރާތަކުގެ ތެރޭގައި ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލް، ދިފާޢީ އުކުޅުތައް ނުވަތަ ސެލްފް ޑިފެންސް، ފުރަތަމަ އެހީ އަދި ޤާނޫނު ހިމެނެއެވެ. މީގެ އިތުރުން މުއާމަލާތްކުރުމާއި މުވާޞަލާތީ ހުނަރުތަކާއި، މަސައްކަތުގެ އަޚްލާޤު އަދި ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި މުހިންމު ހުނަރުތައް ވަނީ އުނގަންނައިދީފައެވެ.
އެ މަރުކަޒުން ހާމަކުރި ގޮތުގައި މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ޢިލްމާއި އަދަބު އަޚްލާޤުގެ އިތުރުން ޢަމަލީ ހުނަރުތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމެވެ. އަދި ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކޮށްދިނުމަކީ ވެސް މި ކޯހުގެ މުހިންމު ބޭނުމެކެވެ.
މި ތަމްރީނު ކޯސް ފުރިހަމަކުރި ބައިވެރިންގެ އަދަދާ ގުޅޭގޮތުން އެ މަރުކަޒުގެ ބަޔާނުގައި 19 ކޮންސްޓަބިއުލަރީ އޮފިސަރުން ކޯސް ނިންމި ކަމަށް ބަޔާންކޮށްފައިވާއިރު، އެހެން މަޢުލޫމާތެއްގައި ވަނީ ކޯސް ފުރިހަމަކުރީ 18 ފުލުހުން ކަމަށް ބުނެފައެވެ. މި ތަމްރީނު ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރި އޮފިސަރުންނަށް ކޮލެޖުން ވަނީ މަރުޙަބާ ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!