އެމެރިކާގެ ކޮންގްރެސްގެ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރު އިލްހާން އުމަރު ދިރިއުޅުއްވާ ވޮޝިންޓަން ޑީސީގެ ގެ، އެމެރިކާގެ ފެޑެރަލް އޭޖެންޓުން ހޯމަ ދުވަހު ބަލައިފާސްކޮށްފިއެވެ.

މިއީ މިނެސޯޓާގެ ކޮންގްރެޝަނަލް ދާއިރާގެ ގޮނޑި އަލުން ކާމިޔާބު ކުރެއްވުމަށް އޭނާ ވާދަކުރައްވާ އިންތިޚާބަށް އެންމެ ތިން ހަފުތާއަށް ވެފައި ވަނިކޮށް ހިންގި ބަލާފާސްކުރުމެކެވެ. މުސްލިމަކަށްވާތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިޔުންތައް އަބަދުވެސް އަމާޒުވާ އިލްހާންގެ ގެ ބަލައިފާސްކުރުމާ ގުޅިގެން ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

Ad
rt

އާންމު އުސޫލެއްގެ ގޮތުން، އިންތިޚާބުތަކާ ގާތްވެފައިވާ އެންމެ ފަހު ހަފުތާތަކުގައި ސިޔާސީ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުތައް އެޅުން މަޑުޖައްސައިލުމަކީ ޖަސްޓިސް ޑިޕާޓްމަންޓުގައި ކުރިއްސުރެ އަމަލުކުރަމުން އަންނަ އުސޫލެކެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން އެ އުސޫލާ ޚިލާފުވެފައިވުމުން، މިއީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވައި ސިޔާސީ ބަދަލުހިފުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ ވާދަވެރިންނާ ދެކޮޅަށް ފެޑެރަލް ތަހުގީގީ އިދާރާތައް ބޭނުންކުރަން ބޭނުންވާކަން ޓްރަމްޕް މީގެ ކުރިންވެސް ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރައްވާފައެވެ. އެގޮތުން، އޭނާއާ ދެކޮޅަށް ތަހުގީގުތައް ހިންގެވި އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ޖޭމްސް ކޯމީއާއި ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސްއާ ދެކޮޅަށް ދައުވާ އުފުލުމަށް ވެސް ޓްރަމްޕް ވަނީ ބާރުއަޅުއްވާފައެވެ. ވާތުފިޔައިގެ ފާޅުކަން ބޮޑު ސިޔާސީ ޝަޚްސިއްޔަތެއް ކަމަށްވާ އިލްހާނަކީ ވެސް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ އަބަދުވެސް މައިގަނޑު އެއް އަމާޒެވެ.

މި ފިޔަވަޅު އެޅުމުގެ ކުރިން، ވޭތުވެދިޔަ ހަފުތާ ބަންދުގައި ޓެނެސީގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އިލްހާނާ ދެކޮޅަށް ފިޔަވަޅު އަޅާފާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އެ ޖަލްސާގައި ޓްރަމްޕް ވަނީ އިލްހާން ނިސްބަތްވަނީ "ކުށްތަކާއި ނިކަމެތިކަން" އޮތް ގައުމަކަށް ކަމަށް ވިދާޅުވެ އިހާނާތްތެރިކޮށް ވާހަކަދައްކަވާފައެވެ. އަދި ނައިބު ރައީސް ޖޭޑީ ވެންސްއާއި "އަހަރެމެންގެ މީހުން" އިލްހާންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ޓްރަމްޕް އެ ދުވަހު ވިދާޅުވިއެވެ.

ސޯމާލިއާއަށް އުފަން، އަދި ފަހުން އެމެރިކާގެ ރައްޔިތުކަން ހޯއްދަވާފައިވާ އިލްހާނާއި މިނެސޯޓާގައި ދިރިއުޅޭ ސޯމާލީ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް ޓްރަމްޕް ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު ބަހުގެ ހަމަލާތައް ދެއްވާފައެވެ. އެގޮތުން، ސޯމާލީ މީހުންނާ ދެކޮޅަށް އެ ސްޓޭޓުގެ ރައްޔިތުން "ތެދުވެ ހަނގުރާމަކުރަން" ޖެހޭ ކަމަށް ވިދާޅުވެ ވޭތުވެދިޔަ ހަފުތާގައި ޓްރަމްޕް ވަނީ މީސްމީޑިއާގައި ޕޯސްޓެއް ވެސް ކުރައްވާފައެވެ.

މިނެސޯޓާގައި ސޯމާލީ ދަރިކޮޅުގެ މީހުން ހިންގާ ބައެއް ޖަމިއްޔާތައް ހިމެނޭ ގޮތަށް މަކަރާއި ހީލަތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާ ކަން ފާހަގަކުރެވެއެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި ޖަސްޓިސް ޑިޕާޓްމަންޓުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެކެވެ. ނަމަވެސް، އެއިން އެއްވެސް މައްސަލައެއްގައި އިލްހާން އުމަރުގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. ގިނަ ދުވަސްތަކެއް ވަންދެން އިލްހާނާއި ޓްރަމްޕާ ދެމެދު ސިޔާސީ ހޫނު ބަހުސްތަކެއް ހިނގަމުން އައި ނަމަވެސް، އިންތިޚާބާ ދިމާކޮށް މިފަދަ ފިޔަވަޅެއް އެޅުމުން ދެ ފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ.