އެމެރިކާގެ އަސްކަރިއްޔާއިން މިސައިލް ހަމަލާތައް ދެނެގަތުމަށާއި މިޝަންތަކުގައި ރައްކާތެރިކަމާއެކު މުވާސަލާތު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން 21 ސެޓެލައިޓެއް ދުނިޔޭގެ އޯބިޓަށް ފޮނުވާލައިފިއެވެ.

ސްޕޭސްއެކްސްގެ ރޮކެޓެއްގައި މި ސެޓެލައިޓްތައް ޖައްވަށް ފޮނުވާލާފައިވަނީ އެމެރިކާގެ ސްޕޭސް ޑިވެލޮޕްމަންޓް އޭޖެންސީ (އެސްޑީއޭ) އަށެވެ.

Ad
rt

މިއީ ޖައްވީ ދާއިރާއާއި ދިފާއީ އުފެއްދުންތައް ތައްޔާރުކުރާ ނޯތްރޮޕް ގްރޫމަން ކުންފުނިން އެސްޑީއޭގެ "ޓްރާންޗް 1 ޓްރާންސްޕޯޓް ލޭޔާ" (ޓީ1ޓީއެލް) އަށް އުފެއްދި ފުރަތަމަ ސެޓެލައިޓްތަކެވެ. މި މަޝްރޫއަކީ "ޕްރޮލިފެރޭޓެޑް ވޯފައިޓާ ސްޕޭސް އާކިޓެކްޗާ" (ޕީޑަބްލިއުއެސްއޭ) ގެ ނަމުގައި އެމެރިކާއިން ކުރިއަށްގެންދާ ބޮޑު އަސްކަރީ ސެޓެލައިޓް ވިއުގައެއްގެ ބައެކެވެ. މީގެ މައިގަނޑު ބޭނުމަކީ ކުރިމަތިވެދާނެ މިސައިލް ނުރައްކާތައް ދެނެގަނެ ޓްރެކްކުރުމުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަސްކަރީ ފައުޖުތަކުގެ މެދުގައި އެއްވެސް ލަސްވުމެއް ނެތި މުހިންމު މައުލޫމާތު ވަގުތުން ވަގުތަށް ބަދަލުކުރުމެވެ.

މި ސެޓެލައިޓްތައް ޖައްވަށް ފޮނުވާލާފައިވަނީ ކެލިފޯނިއާގެ ވެންޑެންބާގް ސްޕޭސް ފޯސް ބޭސްއިން ސްޕޭސްއެކްސްގެ ފެލްކަން 9 ރޮކެޓެއްގައެވެ. އަލަށް ފޮނުވި ސެޓެލައިޓްތަކުގެ ސަބަބުން އެމެރިކާގެ ސިފައިންނާއި، އަސްކަރީ އާލާތްތަކުގެ އިތުރުން އެހެނިހެން ސެޓެލައިޓްތަކުގެ މެދުގައި ރައްކާތެރިކަމާއެކު މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވާނެއެވެ. އަދި ނޭޓޯގެ މެންބަރު ގައުމުތަކާއި އެކުވެރި އެހެން ގައުމުތަކުން ބޭނުންކުރާ އަސްކަރީ ޑޭޓާ ނެޓްވޯކެއް ކަމަށްވާ "ލިންކް 16" ގެ ޚިދުމަތް ޖައްވަށް ފުޅާކުރުމަށް މި ސެޓެލައިޓްތައް އެހީތެރިވެދޭނެއެވެ. ޖޭމް ނުކުރެވޭ ގޮތަށް އެންކްރިޕްޓްކޮށްފައިވާ މި ނެޓްވޯކްގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ މައުލޫމާތު ސިފައިންނަށް ކުރިއަށްވުރެ މާ އަވަހަށް ލިބިގެންދާނެއެވެ.

ނޯތްރޮޕް ގްރޫމަންގެ ސީނިއާ ޑިރެކްޓާ އޮފް ޕްރޮލިފެރޭޓެޑް ސިސްޓަމްސް، ލޫ ކްރިސްޓެން ވިދާޅުވީ، އާދައިގެ މިސައިލްތަކާއި އެންމެ ޒަމާނީ މިސައިލްތައް ދެނެގަނެ ޓްރެކްކުރުމަށް ބޭނުންކުރާ ވަކި ސެޓެލައިޓް ވިއުގައަކާވެސް މި ޓްރާންސްޕޯޓް ލޭޔާ ގުޅާލެވޭނެ ކަމަށެވެ.

ފެލްކަން 9 އިން މި 21 ސެޓެލައިޓް ކާމިޔާބުކަމާއެކު އޯބިޓަށް ފޮނުވާލުމާއެކު، ޖައްވުގައިވާ ޓްރާންޗް 1 ގެ ސެޓެލައިޓްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 84 އަށް އަރާފައެވެ. މިއީ އެސްޑީއޭގެ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ހަތަރުވަނަ ލޯންޗެވެ. ނޯތްރޮޕް ގްރޫމަންއިން ވަރަށް އަވަހަށް އިތުރު 21 ސެޓެލައިޓް ފޮނުވުމަށް ތައްޔާރުވަމުން އަންނައިރު، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އިތުރު ސެޓެލައިޓްތައް ޖައްވަށް ފޮނުވުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މި މަޝްރޫއުގެ ފުރަތަމަ ތިން ފިޔަވަހީގެ ދަށުން ގާތްގަނޑަކަށް 150 ސެޓެލައިޓް އުފެއްދުމުގެ އެއްބަސްވުމެއް އެ ކުންފުންޏާއެކު ވަނީ ހަދާފައެވެ.