ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ހިންގަމުން އަންނަ ފަތްކެޔޮ ދަނޑު ބެލެހެއްޓުމުގެ މަސައްކަތް ސަން ޓްރޭޑާސްއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެ ދަނޑު ބެލެހެއްޓުން ސަން ޓްރޭޑާސްއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މި މަސައްކަތް އެ ފަރާތާ ހަވާލުކުރީ މަހަކު ވަކި އުޖޫރައެއް ކަނޑައަޅައިގެން ކަމަށް ކުމުންދޫ އތމ ކޮމިޓީން މައުލޫމާތު ދެއެވެ.

Ad
rt

އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނި ގޮތުގައި، މި މަޝްރޫޢަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި އެއްބަސްވުމުގެ ދަށުން ސަން ޓްރޭޑާސްގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ދަނޑު ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމެވެ. މީގެ އިތުރުން ކެޔޮގަސްތަކަށް ކާނާ އެޅުމާއި، ޤަވާއިދުން ފެންދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން ވެސް އެ ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ފަތްކެޔޮ ދަނޑަކީ ކުމުންދޫ ކައުންސިލުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދޫކޮށްފައިވާ ބިމެއްގައި ހިންގަމުން އަންނަ ދަނޑެކެވެ.

ކުމުންދޫ އތމ ކޮމިޓީން ފާހަގަކުރި ގޮތުގައި، މި ދަނޑު ހިންގުމުގެ މައިގަނޑު މަޤްޞަދަކީ އެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި ދޮންކެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.