އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާފައިވާ 22 އަހަރުގެ ދިވެހި ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތަށް ހާޒިރުކޮށް ނަސޭހަތްދީފިއެވެ.

ފުލުހުން ބުނީ މިއީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކޮށްފައިވާ މީހުން ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މިގޮތަށް ހާޒިރުކުރެވުނު ފުރަތަމަ މީހާ ކަމަށެވެ.

Ad
rt

އެ ޒުވާނާގެ ރެކޯޑުތަކުގެ ތަފުސީލު ހާމަކުރަމުން ފުލުހުން ބުނީ، އޭނާގެ އަމަލުތަކުގެ ތެރޭގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ސްޓަންޓް ޖައްސަމުން ދުއްވުމާއި، ޒިގްޒެގްކޮށް ބާރު ސްޕީޑުގައި ދުއްވުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ވެސް، މަގުމަތީގެ ގަވާއިދުތަކާ ޚިލާފަށް ވަންވޭއާ އިދިކޮޅަށް ދުއްވުމާއި، އުޅަނދު ދުއްވަމުން މޮބައިލް ފޯނުން ވާހަކަދެއްކުމުގެ މައްސަލަތައް ވެސް އޭނާގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، އެ އުޅަނދުގެ އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުމުގެ އިތުރުން، އޭނާގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ވެސް އުޅަނދު ދުއްވާފައިވާ ކަމަށް ފުލުހުން ފާހަގަކުރިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިފަދައިން ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމުގެ މަސައްކަތް އެ އިދާރާއިން މެދުކެނޑުމެއްނެތި ކުރަމުން ގެންދާ ކަމަށެވެ.