އަންނަ އަހަރު ރާއްޖޭގެ ހިރިގަލުގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑު ކަމަށާއި، މި މިސްކިތްތައް ބަލައި އިވެލުއޭޓް ކުރުމަށް ކުރިއަށްގެންދިޔަ މަރުހަލާ މިހާރު ނިންމާލާފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދިން "އަހާ" ފޯރަމުގެ ނުވަވަނަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ މިސްކިތެއް ހިމެނުމަށް މަސައްކަތްކުރަމުން އަންނަތާ މިހާރު 13 އަހަރު ވެފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ޔުނެސްކޯގެ އިވެލުއޭޝަން ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، އެ މިސްކިތްތައް ބަލައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް އަދި ކަމާބެހޭ މުއައްސަސާތަކާ އެކު ކުރިއަށްގެންދިޔަ މަސައްކަތްތައް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad
rt

ވަޒީރު ހީނާ ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖޭގެ ބައެއް ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށްޓަކައި ވުޒާރާއިން ވަނީ ހުށަހަޅާފައެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ތަންތަން ޔުނެސްކޯއިން ބަލައިގެންފައިވާ ކަމަށް އެ ވުޒާރާއަށް އަންގާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އުންމީދަކީ 2027 ވަނަ އަހަރުގެ ފަހުކޮޅު މިތަންތަަން ލިސްޓުގައި ހިމެނިގެންދިޔުމެވެ. އަދި މިކަމުގެ ސަބަބުން އެ މިސްކިތްތައް ނިސްބަތްވާ ރަށްތަކަށާއި، ދިވެހި ރާއްޖޭގެ އިގުތިޞާދަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ހީނާ ވިދާޅުވިއެވެ.

''ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ތަރިކަ ބަލައިގަންނާނެ. މިމިސްކިތްތައް ބަަލަން އަންނަ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެ،" ހީނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޔޫއެން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ހުށަހަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ހއ. އިހަވަންދޫގެ ހިރިގަލު މިސްކިތް ވެސް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2008ވަނަ އަހަރުން ފަށައިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން 2008ވަނަ އަހަރު މާލެ ހުކުރު މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމެނިފައެވެ.

ދިވެހިރާއްޖޭގައި މާލޭ ހުކުރު މިސްކިތުގެ އިތުރުންވެސް ވަރަށް ގިނަ ހިރިގަލު މިސްކިތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން ހުރުމުން ގިނަ މިސްކިތްތަކެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2011 ވަނަ އަހަރު ފެށުނުކަމަށާއި ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ 6 މިސްކިތެއް 2013 ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ވަނީ ހިމެނިފައިކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހު ބުނެފައެވެ. މި 6 މިސްކިތަކީ މާލޭ ހުކުރު މިސްކިތް، މާލޭ ޢީދު މިސްކިތް، އދ. ފެންފުށީ އާސާރީ މިސްކިތް، ރ.މީދޫ އާސާރީ މިސްކިތް، ލ.އިސްދޫ އާސާރީ މިސްކިތް އަދި ހއ. އިހަވަންދޫ އާސާރީ މިސްކިތެވެ. އެއަށްފަހު ވަނީ މި މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ދާއިމީ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައެވެ.

ޑިސެމްބަރ 1701.މ ( 15 ރަޖަބް 1113 ޙ ) ވަނަ ސަނަތުގައި އައްސުލްތާން އިބްރާހީމް މުޡުހިރުއްދީން މިރަށުގައި އިމާރާތްކުރެއްވި ހިރިގަލުގެ މިސްކިތަކީ އިހަވަންދޫގެ ކުރީގެ ހުކުރު މިސްކިތެވެ. މިއީ ވަރަށް ރީތި އާޘާރީ މިސްކިތެކެވެ. މިސްކިތުގެ ޤަބުރުސްތާނުން އުތީމު ހަސަން ރަންނަބަޑޭރި ކިލެގެފާނުގެ އާއިލާގެ މެމްބަރެއްގެ މާހާނަ ފާހަގަކުރެވެއެވެ. އަދި އެކިލެގެފާނުގެ ދަރިކޮޅު އެރަށާއި ކެލާގައިވާކަމަށް ބުނެވެއެވެ.

ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުން ފެށިގެން ވަޒީރުކަން ކުރެއްވި އައްޑޫ ޝަހީދުވި ކުޑަބަނޑޭރި މުޙައްމަދު ތަކުރުފާނުގެ ދަރިކަލުން އަލްވަޒީރު މުޙަައްމަދުގެ މަހާނަ އެމިސްކިތްދޮށުގައި ވެއެވެ. އެރަށަކީވެސް ވަނގާރުފަދަ މުހިންމު ބަނދަރެކެވެ. އިހުގައި ހަރުދަނާ ބަޔަކު އުޅުނު ރަށެކެވެ. ހިރިގަލުން ބިނާކޮށްފައިވާ މިމިސްކިތައް، 300 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް ބުނެވެއެވެ. މީގެ އިތުރުންވެސް އިހަވަންދޫއަކީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ބަޠަލް، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު (ޙަސަން ތަކުރުފާނު)ގެ މަންމާފުޅުގެ އުފަންރަށެވެ.