ކޮންމެ މީހަކު ކޮންމެފަދަ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް، އަމިއްލަ ނަފްސަށާއި، ދައުލަތަށާއި، ދީނަށް ތެދުވެރިވެ، އިންޓެގްރިޓީ ހިފެހެއްޓުމުގައި ސާބިތުވެ ތިބުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ނަސޭހަތްތެރިވެވަޑައިގެންފިއެވެ
. މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށްގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ގެ ތިންވަނަ ބެޗް ދަސްވެނިވުމަށް މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިޙުސާން ވިދާޅުވީ، ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގާގައި ވަރަށް ބޮޑު ޤައުމީ ވާޖިބެއް އަދާކުރަމުންދާ ބައެއް ކަމަށެވެ.
މީގެއިތުރުން، ކުށްވެރިން ޝަރުޢީ މަރުޙަލާއަށްފަހު ޖަލަށް ގެނެވި، އަނބުރާ މުޖުތަމަޢަށް ދޫކޮށްލުމާ ދެމެދު އެމީހުން ބަލަހައްޓައި، އިސްލާޙުކޮށް، މުޖުތަމަޢު ބަލައިގަންނަ ފަރުދުންނަށް ހެދުމުގެ ބޮޑު ޒިންމާ އޮތީ އޮފިސަރުންގެ ކޮނޑުގައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ކޯހަކީ ކަރެކްޝަންސްގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަކަށް އަހުލުވެރިކުރުވައި، އެކަމަށް ބޭނުންވާ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ. ޖުމްލަ 33 ބައިވެރިންނާއެކު ފެށި މި ތަމްރީނު ކޯސް 32 ދަރިވަރުން ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރޭގައި ކުރިން އިންޑަކްޝަން ޓްރޭނިންގ ހަދާފައިވާ ތިން އޮފިސަރަކުވެސް ހިމެނެއެވެ.
މާފުށީ ޖަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ދަސްވެނިވި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ އިތުރުން، ހަޔަރ ޑިސްޓިންކްޝަން އަދި އެކި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ވަނީ ދީފައެވެ. އަދި ދަސްވެނިވި ހުރިހާ އޮފިސަރުންނަށް މަގާމުގެ ހުވާ ލައިދެއްވީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މޫސާ ނަސީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!