ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ނުވަވަނަ އެޕިސޯޑު މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. ދެ ގަޑިއިރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމްގައި ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

Ad
rt

މީގެއިތުރުން، ފޯރަމް ކުރިއަށްދާ ވަގުތު އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މި އިންތިޒާމުގެ ސަބަބުން ކޮންމެ ތާކުން އަދި ކޮންމެ ރަށަކުން ވެސް ކޮންމެ ރައްޔިތަކަށް މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:
• ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
• ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
• ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު

މި ފޯރަމްގެ މައިގަނޑު މަޤުޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ. އަދި ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސީދާ ޖަވާބު ހޯދުމުގެ ފުރުޞަތު މި ފޯރަމުން ފަހިވެގެންދެއެވެ.

ހަމައެއާއެކު، ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމައާއި، ރައްޔިތުންގެ ކަންބޮޑުވުން ހުރި ދާއިރާތަކާއި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާ ގުޅޭގޮތުން އެ ވަޒީރެއްގެ ދާއިރާއިން ހުށައަޅަން ބޭނުން ކޮންމެ ސުވާލެއް ހުށައެޅުމުގެ އިޚުތިޔާރު ވެސް އާންމުންނަށް ލިބެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި މި ސިލްސިލާގެ ދަށުން މިހާތަނަށް ޖުމްލަ 8 ފޯރަމެއް ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ.