ޣައްޒާގެ އެކި ސަރަހައްދުތަކުގައި އާންމުން އެއްވެ ތިބި ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ހޮނިހިރު ދުވަހު ދިން ވައިގެ ދެ ހަމަލާއެއްގައި ފަލަސްތީނުގެ ފަސް މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތަކާ ގުޅޭ މައުލޫމާތު ހާމަކޮށްފައިވަނީ ތުރުކީވިލާތުގެ އަނަދޯލޫ ނޫސް އެޖެންސީންނެވެ.

ޣައްޒާގެ މެޑިކަލް މަސްދަރުތަކުން ބުނި ގޮތުގައި، މީގެ ތެރެއިން އެއް ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ހައިދަރު ވަށާބުރާ ކައިރިއަށް އެއްވެ ތިބި މީހުންނަށެވެ. އިސްރާއީލުގެ ޑްރޯނަކުން ދިން މި ހަމަލާގައި ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުވެ، އިތުރު ފަސް މީހަކު ވަނީ ޒަޚަމްވެފައެވެ.

Ad
rt

މީގެ އިތުރުން، ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ތުއްފާހު އަވަށުގައި މީހުން އެއްވެ ތިބި ތަނަކަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ވެސް މީހަކު ވަނީ ޝަހީދުވެފައެވެ. ސިއްހީ މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި އެ ހަމަލާގައި ވެސް އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ކޮންމެ ދުވަހަކު މިފަދަ ހަމަލާތައް ދެމުން މި ގެންދަނީ، 10 އޮކްޓޫބަރު 2025 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުން ދަނިކޮށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 74،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 175،000 އަށް ވުރެ މައްޗަށް އަރައިފައެވެ.

މީގެ އިތުރުން، އިސްރާއީލުން މެދުކެނޑުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ސުންނާފަތިވެފައިވާ ކަމަށް ވެސް ފަލަސްތީނުގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.