ހޮނިހިރު ދުވަހު ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗު ފެށިގެން އެންމެ އަށް ސިކުންތުގެ ތެރޭގައި އޯގްސްބާގްގެ ރޮބިން ފެލްހައުއާ ލަނޑު ޖަހައި، ޖަރުމަނު ބުންޑެސްލީގާގެ ތާރީޚުގައި ވެސް މިހާތަނަށް ފެނުނު އެންމެ އަވަސް ލަނޑުގެ ރެކޯޑު ގާއިމުކޮށްފިއެވެ.

ކުޅިވަރުގެ ތަފާސްހިސާބުތައް ދިރާސާކުރާ އިދާރާއެއް ކަމަށްވާ އޮޕްޓާ އިން ބުނީ، މިއީ 1963 ވަނަ އަހަރު ޖަރުމަނުގެ ފުރަތަމަ ޑިވިޝަން ވުޖޫދުވި ފަހުން، އެ ލީގުގެ ތާރީޚުގައި މިހާތަނަށް ކުޅުންތެރިއަކު ކާމިޔާބުކުރި އެންމެ އަވަސް ލަނޑު ކަމަށެވެ.

Ad
rt

މި މެޗު ފަށައިގެން ބަޔާން މިއުނިކުން ބޯޅަ ފޮނުވާލީ އެ ޓީމުގެ ކީޕަރު މެނުއަލް ނޯޔާ އަށެވެ. ނަމަވެސް، ފެލްހައުއާ ވަނީ ވަގުތުން ކުރިއަށް ޖެހިލައި، ނޯޔާއަށް ބޮޑު ޕްރެޝަރެއް ކުރިމަތިކޮށްފައެވެ.

ފެލްހައުއާ ކައިރިވަމުން ދިޔަ ވަގުތު، ނޯޔާ ބޯޅަ މަތިން ސާފުކޮށްލަން (ޗިޕް ކޮށްލަން) އުޅުނު ނަމަވެސް، ފެލްހައުއާ ވަނީ އެ ބޯޅަ ހުއްޓުވައި އަތުލައިފައެވެ. އަދި އެއަށްފަހު، ހުސްކޮށް އޮތް ގޯލުގެ ތެރެއަށް އޭނާ ވަނީ ފަސޭހަކަމާއެކު ބޯޅަ ފޮނުވާލައިފައެވެ.

ބުންޑެސްލީގާގައި ލަނޑު ޖަހާ ވަގުތު ރަސްމީކޮށް ބަލައިގަންނަނީ އެންމެ ކައިރިވާ ސިކުންތަކަށް ބަލައިގެންނެވެ. އެހެންކަމުން، މި ލަނޑު ވަނީ މީގެ ކުރިން މި ލީގުގައި ހެދިފައިވާ ރެކޯޑު މުގުރާލައިފައެވެ.

މީގެ ކުރިން ބުންޑެސްލީގާގެ އެންމެ އަވަސް ލަނޑުގެ ރެކޯޑު ގުޅިގެން ހިއްސާކުރަމުން ދިޔައީ ކެވިން ވޮލަންޑް އަދި ކަރީމް ބެލަރާބީއެވެ. ވޮލަންޑް ވަނީ 2015 ވަނަ އަހަރު ހޮފެންހައިމް އަށް ކުޅެމުން ބަޔާން މިއުނިކް ކޮޅަށް ނުވަ ސިކުންތުގެ ތެރޭގައި ލަނޑު ޖަހައިފައެވެ. އަދި ބެލަރާބީ ވަނީ 2014 ވަނަ އަހަރު ބަޔާ ލެވަކޫސަން އަށް ކުޅެމުން ބޮރޫޝިއާ ޑޯޓްމުންޑް ކޮޅަށް ނުވަ ސިކުންތުން ލަނޑު ކާމިޔާބުކޮށްފައެވެ.