މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް ނިންމި ނިންމުމަކީ ލަދުވެތި ނިންމުމެއް ކަމަށާއި، އެ އިނާމު ހައްގުވަނީ އޭނާއަށް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވީ، ނޯވޭގެ ނޯބެލް ކޮމިޓީގެ މި ނިންމުމަކީ އެ ގައުމުގެ އަގު ވެއްޓި، ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ފަދަ ކިލަނބުކަމެއް ގެނުވި ނިންމުމެއް ކަމަށެވެ. ޓްރަމްޕްގެ މިވާހަކަތަކަށް ރައްދުދޭ ފަރާތްތަކުން ސިފަކުރާ ގޮތުގައި ސުލްހައިގެ އިނާމް ނުލިބިގެން ޓްރަމްޕަށް ރޭ އަވަހާރަފުޅު ވެސް ނުލެއްޕެވުނެވެ.
ނިއުޔޯކުގެ ސިރަކޫސްގައި ބޭއްވި ސަޕޯޓަރުންގެ އެއްވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ދެކޮޅަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް މިއަހަރުގެ އިނާމު އެރުވި ސައުތު އެފްރިކާގެ ކުރީގެ ފަނޑިޔާރު އަދި އިންސާނީ ހައްގުތަކުގެ އެކްޓިވިސްޓް ނަވީ ޕިއްލޭގެ ނަން ވެސް މީގެ ކުރިން އަޑުއައްސަވާފައި ނުވާ ކަމަށެވެ.
"މި ބުނާ ވަކި މީހެއްގެ ވާހަކައެއް އަހަރެން ދުވަހަކު ވެސް އަޑެއް ނާހަން، އެކަމަކު ވެސް މަރުހަބާ،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސްގެ ހައިސިއްޔަތުން އެމެރިކާ ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުން ނޯބެލް ސުލްހައިގެ އިނާމު ލިބެންޖެހޭނީ އޭނާއަށް ކަމަށް ވިދާޅުވަމުން ޓްރަމްޕް ވަނީ، މި އިނާމުގެ އަގު ވައްޓާލީ ޑިމޮކްރަސީއާ ދެކޮޅު އަދި ތަހުޒީބުގެ ދުޝްމަނުންގެ ގޮތުގައި ތިބި މަދު ހަރުކަށި ފިކުރުގެ ބައެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ.
މި އިނާމު ލިބިވަޑައިގަތުމާ ގުޅިގެން ޕިއްލޭ ވަނީ ސަމާސާ ރާގެއްގައި، އޭނާއަށް ތަރުހީބުދިން މީހުން ކައިރީގައި، އަދި ތަންކޮޅެއް ބާރަށް އަތްޖަހައިފިނަމަ މި އިނާމު ޓްރަމްޕާ ހިއްސާކޮށްފާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ މިދިޔަ އަހަރު މި އިނާމު ހޯއްދެވި ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ، އޭނާގެ ރަން މެޑަލް ޓްރަމްޕަށް ހަދިޔާކުރެއްވި ކުރުމަށް އިޝާރާތް ކުރައްވައި ވިދާޅުވި ބަހެއް ކަމަށް ބެލެވެ އެވެ. ޖެނުއަރީ 2025 ގައި ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުމަށްފަހު ޓްރަމްޕް ވަނީ ނޯބެލް އިނާމު ހޯއްދެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ނަމަވެސް އޮސްލޯގެ ތަޖުރިބާކާރުން ބުނެފައިވަނީ، އީރާނާ ދެކޮޅަށް ކުރެއްވި ހަނގުރާމައާއި، ގްރީންލޭންޑް ފަދަ ސަރަހައްދުތައް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން އުޅުއްވުމާއި، ހިޖުރަކުރާ މީހުންނާ މެދު ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކުގެ އިތުރުން މީޑިއާއަށާއި ބައިނަލްއަގުވާމީ ގުޅުންތަކަށް ދެއްވި ހަމަލާތަކުގެ ސަބަބުން ޓްރަމްޕަށް އެ އިނާމު ހައްގުނުވާ ކަމަށެވެ.
ޕިއްލޭއަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ ކުރީގެ ފަނޑިޔާރަކަށް ވާއިރު، އޭނާއަށް އިނާމު ލިބުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއިން ވަނީ އައިސީސީއާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާނުކޮށްފަ އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެ ކޯޓު ސިފަކުރެއްވީ "މަކަރުވެރި ކޯޓެއް" ގެ ގޮތުގަ އެވެ. އަދި އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް ޝަރީއަތް ހިންގަން ރައީސް ޓްރަމްޕް ދުވަހަކު ވެސް ފުރުސަތު ނުދެއްވާނެ ކަމަށާއި، ކޯޓުގެ ހިންގުން ހުއްޓުވައި ވަސީލަތްތައް މަހްރޫމް ކުރުމަށްޓަކައި މާލީ މުއާމަލާތްތައް މަނާކުރާނެ ކަމަށް ރޫބިއޯ ވިދާޅުވި އެވެ. އެމެރިކާގެ ޓްރެޜަރީން އިއުލާނުކުރި މި ފިޔަވަޅުތަކުގައި ކޯޓަށް ޓެލެކޮމިއުނިކޭޝަން އަދި ސޮފްޓްވެއާ ފަދަ ޚިދުމަތްތައް ދޭ ކުންފުނިތަކަށް އަދަބު ދިނުން ހިމެނޭއިރު، ހަ މަސް ދުވަހުގެ އިތުރު މުއްދަތަކާއި ޕެންޝަނާއި ބަންދުގައި ތިބޭ މީހުންނާ ގުޅޭ ބައެއް އިސްތިސްނާތައް ވަނީ ދީފަ އެވެ.
މި ފިޔަވަޅުތަކާ ގުޅިގެން އައިސީސީން ބުނީ، މިއީ ގާނޫނުގެ ވެރިކަމަށާއި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމުގެ އަސާސްތަކަށް ދިން ވަރުގަދަ ހަމަލާއެއް ކަމަށެވެ. އަދި ކޯޓުގެ ދިފާއުގައި ތެދުވުމަށް، އޭގައި ބައިވެރިވާ 125 ގައުމަށް އައިސީސީން ވަނީ ގޮވާލައިފަ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޖާ ކައްލާސް ވިދާޅުވީ، އެމެރިކާއިން ދިން ހަ މަސް ދުވަހުގެ މުއްދަތަކީ މަޝްވަރާތަކަށް ލިބުނު ފުރުސަތެއް ކަމަށާއި، ނަމަވެސް ކޯޓުގެ މުހިންމު މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތް ކަށަވަރުކުރުމުގެ އިޚްތިޔާރުތައް އީޔޫއަށް އެބައޮތް ކަމަށެވެ.
ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކަށް އިންސާފު ގާއިމުކުރުމަށް 2002 ވަނަ އަހަރު އުފެއްދި އައިސީސީއާ ދެކޮޅަށް ވޮޝިންޓަނުން އަނެއްކާވެސް ފިޔަވަޅު އެޅީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުމުންނާއި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި އަމަލުތައް ތަހުގީގުކުރަން އުޅުމުންނެވެ. އައިސީސީ އުފެއްދި ރޯމް ސްޓެޓިއުޓްގައި އެމެރިކާއިން ސޮއިކުރި ނަމަވެސް އެ ގައުމުން އެ އެއްބަސްވުން ތަސްދީގެއް ނުކުރެ އެވެ. އައިސީސީން މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާއިރު، އޭގެ ތެރޭގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާއި، ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލްބަޝީރު އަދި ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ އިތުރުން ހަމާސްގެ އިސް ވެރިން ހިމެނެ އެވެ. އަދި ކެންޔާގެ ރައީސް ވިލިއަމް ރޫޓޯއާއި ކުރީގެ ރައީސް އުހުރު ކެންޔާޓާއާ ދެކޮޅަށް އެ ކޯޓުން އުފުލި ދައުވާތައް ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ޓްރަމްޕަށް ނޯބަލް ސުލްހައިގެ އިނާމް ހައްގުވާކަމަށް ފާޅުގައި ވަކާލާތުކުރަނީ އިސްރާއީލް އެކަންޏެވެ. ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެން އިސްރާއީލްގެ އަނިޔާވެރިކަން މުޅި ސަރަހައްދަށް ފަތުރަން ބޮޑު ވާގިވެރިކަމެއް ވަމުން އަންނައިރު، ހަނގުރާމަ އާއި ހުރެ ދުނިޔެއަށް ނޭވާނުލެވި ޓްރަމްޕްގެ ނޮރޮހޮއްޕާން ނުޖެހޭ ރައްޔިތަކު މިއަދު ދުނިޔެއަކު ނެތެވެ. ޓްރަމްޕްގެ ހަނގުރާމައިގެ ޢަމަލުތަކާއެކު ދުނިޔޭގެ ތެލާ ގޭސް އަގުބޮޑު، ދުނިޔޭގެ އެކި ޤައުމުތަކުގައި މުދަލާއި ޚިދުމަތުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިފަދަ ބޭފުޅަކަށް ސުލްހައިގެ އިނާމް ލިބުންވާނީ ދުނިޔޭގެ މޫނުމަތީގައި ޖަހާ ތަފާލަކަށްކަން ކަށަވަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!