ވިލިމާލޭގައި ހުންނަ މަސްޖިދުއްސަލާމް މިހާރު ހުރި ބިމުގައި އިމާރާތްކުރާ ޒަމާނީ ފެންވަރުގެ އާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އެޅުމަށްޓަކައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ފިޔަ ފައުންޑޭޝަނުން ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ 1،000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއާއެކު މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް މިސްކިތަކަށެވެ.
ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ އިމާރާތެކެވެ. މި މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން ދެ ކުލާސްރޫމާއި އިމާމު ރޫމް ހިމެނޭނެއެވެ.
މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް އަދި ރީތި މިސްކިތަކަށް ވެގެންދާނެ ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ މިސްކިތެއް ބިނާކުރުމަކީ ވިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!