ށ. ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ، ހޭންޑްބޯލް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ބިލެތްފަހީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 42 ފަރާތަކުން ބައިވެރިވެފައިވެއެވެ.

Ad
rt

ބިލެތްފަހީ ރައީސް ޙުސައިން ފުއާދު "ތިލަދުން"އަށް މައުލޫމާތު ދެއްވި ގޮތުގައި، ހޭންޑްބޯލް ކޯޗެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ކުޅިވަރުގެ ހުނަރުތައް ދަސްކޮށްދިނުމަށާއި، ބައިވެރިންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައިވާކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ބިލެތްފަހީ ކައުންސިލާއި އތމ ކޮމިޓީން ފާހަގަކުރި ގޮތުގައި، ރަށުގެ ތަރައްޤީއަށްޓަކައި އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ އެ ފަރާތްތަކުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ބޭނުންތެރި މިފަދަ ތަފާތު ހުނަރުތައް ދަސްކޮށްދޭ ތަމްރީނުތައް ރަށުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާކަން ކައުންސިލުން ހާމަކޮށްފައިވެއެވެ.