ށ. މާއުނގޫދޫގެ އިޖްތިމާޢީ ސަރަހައްދުތަކުގައި ބަގީޗާގަސް އިންދުމަށް އެ ރަށު ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމްގެ ދަށުން، ގަސް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މާއުނގޫދޫ ކައުންސިލުން އެދިފައިވަނީ، މި ޕްރޮގްރާމަށް ބަގީޗާގަސް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން 19 އޮކްޓޫބަރު 2026 ގެ 14:00 ގެ ކުރިން އެ ކައުންސިލަށް ގަސްތައް ޙަވާލުކުރުމަށެވެ.

Ad
rt

ރަށުގައި ގަސްއިންދައި ފެހިކުރުމުގެ މަޤްޞަދުގައި މާއުނގޫދޫ ކައުންސިލުން އަންނަނީ އިތުރު ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ. އެގޮތުން މުޅި ރަށަށް ޢާންމުކޮށް ހުޅުވާލައިގެން އެ ކައުންސިލުން ވަނީ "ގާޑެނިން ކޮމެޓީ" އެއް ވެސް އެކުލަވާލައިފައެވެ.

މީގެއިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވެސް މާއުނގޫދޫގައި ވަނީ ގަސްއިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

އެ ހަރަކާތަކީ ސިއްރުފެންފުށި ޕްރައިވެޓް ލެގޫން ރިސޯޓުގެ އިސްނެގުމާ ގުޅިގެން، މާއުނގޫދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން އެ ރަށުގެ ފުއްޓަރު ބީޗު ސަރަޙައްދުގައި ޖުމްލަ 45 ގަސް އިންދާފައިވާ ކަމަށް މާއުނގޫދޫ ކައުންސިލުން ވަނީ ބުނެފައެވެ.