ޖޯގްރަފީ ގޮތުން ރާއްޖޭގެ ރަށްތައް އެކަހެރިކޮށް އޮތުމަކީ ޚިދުމަތް ލިބުމަށް އޮތް ހުރަހަކަށް ނުވަތަ ދެވޭ ފަރުވާގެ ފެންވަރާއި ފަރުވާ ލިބިދިނުމުގެ އަވަސްމިން ކަނޑައެޅޭ ސަބަބަކަށް ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ 7 ވަނަ އަހަރީ ސިމްޕޯޒިއަމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

"ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ: އޮޕްޓިމައިޒިންގ ބްރެސްޓް ކެންސަރ ކެއަރ" މި ޝިޢާރުގެ ދަށުން ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އުރަމަތީގެ ކެންސަރުގެ ޚިދުމަތް މުޅި ރާއްޖޭގައި ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި ފަރުވާއަށް ފޮނުވުމުގެ ނިޒާމު ނުވަތަ ރިފަރަލް ޕާތުވޭސް ރަނގަޅުކޮށް، ޚާއްޞަ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

އުރަމަތީގެ ކެންސަރަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވަމުން، އަންހެނުންގެ އުރަމައްޗަށް އަންނަ ބަދަލުތަކަށް އަބަދުވެސް ސަމާލުވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. އަދި އެފަދަ ބަދަލެއް ފާހަގަކުރެވިއްޖެނަމަ އެއްވެސް ވަރަކަށް ލަސްނުކޮށް ޞިއްޙީ އެހީތެރިކަން ހޯދުމަށް އިލްތިމާސްކުރެއްވިއެވެ. ބަލި ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، އެކަށީގެންވާ ފަރުވާ ދިނުމުގެ ފުރުޞަތުތައް އިތުރުވެ، ބަލިން ފަސޭހަވުމުގެ ފުރުޞަތު ބޮޑު މަރުޙަލާއެއްގައި ފަރުވާ ފެށުމަށް މަގުފަހިވާނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޒަމާނީ ވަސީލަތްތަކާއި ޚާއްޞަ ތަޖުރިބާކާރުންގެ އެހީގައި ބަލި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ބަލީގެ ކުރީކޮޅު ފެންނަ ކުދިކުދި ބަދަލުތައް ދެނެގަތުމުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފިދާނެ ގޮތްތައް އެކަމަނާ ބަޔާންކުރެއްވިއެވެ. އަދި މިފަދަ ޓެކްނޮލޮޖީގެ ފަސޭހަ އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައި، ޞިއްޙީ ދާއިރާގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަންޖެހޭކަމަށް ވިދާޅުވިއެވެ.

އެންމެން ގުޅިގެން ވަގުތުން ވަގުތަށް، އަދި ބަލިމީހާއަށް އިސްކަންދީގެން ފޯރުކޮށްދޭ ފަރުވާގެ މުހިންމުކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ބަލިމީހުންނަށް ސައްޙަ މަޢުލޫމާތު ދީ، އެމީހުންގެ އަބުރުވެރިކަމާއެކު މުޢާމަލާތް ކުރުމާއި އޯގާތެރިކަން އިސްކުރަންޖެހޭ ކަމަށެވެ. އަދި ފަރުވާގެ މަރުޙަލާގައި ބަލިމީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދެވެންވާނެ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މި ބައްޔަށް ފަރުވާ ހޯދާފައިވާ އަދި މިހާރުވެސް ފަރުވާ ހޯދަމުންދާ އަންހެނުންނާއި، ބަލީގެ ސަބަބުން ދުނިޔެއާ ވަކިވެ ގޮސްފައިވާ ލޮބުވެތި ފަރާތްތަކުގެ ޢާއިލާތަކުގެ އިޙްސާސްތައް ދެނެވަޑައިގަންނަވާކަން ހާމަކުރައްވަމުން، ބަލިމީހުންނަށް އިސްކަންދީ އަބުރުވެރި ދިރިއުޅުމެއް ޔަޤީންކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ކެންސަރު ބަލީގެ ނުރައްކަލުގެ ބިރުހީވެ ޑޮކްޓަރީ ލަފާ ހޯދުމާއި ސްކްރީނިންގ ހެދުން ލަސްނުކުރުމަށް ކަނބަލުންނަށް އިލްތިމާސްކުރައްވައި، ބަލި އަވަހަށް ދެނެގަނެވިއްޖެނަމަ ބަލިން ފަސޭހަވުމުގެ އުންމީދު ބޮޑުވެގެންދާނެކަން އެކަމަނާ ވަނީ ހަނދާންކޮށްދެއްވާފައެވެ.