ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލައިފިއެވެ.

ފުލުހުން ބުނީ ނައްތާލި މި ތަކެއްޗަކީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތިން އިންސިޑެންޓެއްގައި ހިމެނޭ ބަނގުރާ ކަމަށެވެ.

Ad
rt

މި ތަކެތި ނައްތާލުމުގެ ހަރަކާތް ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު ނައްތާލި ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 500 އެމްއެލްގެ 2،547 ފުޅި ބަނގުރަލެވެ.

މީގެ އިތުރުން، ފަސް ލީޓަރުގެ 23 ފުޅި ބަނގުރަލާއި، އެހެނިހެން ތަކެތީގެ ގޮތުގައި ފާހަގަކުރެވޭ ނުވަ އައިޓަމެއް ވެސް އެ ދުވަހު ވަނީ ނައްތާލައިފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލަތަކާ ގުޅިގެން ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ޕްލާސްޓިކް ޓައްޕު ވެސް ހިމެނެއެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އަދި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ޚާއްސަ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.