މުދައްރިސުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ހިތްގައިމު "ސްޓާފް ލައުންޖެއް" ހަދިޔާކޮށްފިއެވެ. މިއީ މުދައްރިސުންނާއި އިދާރީ މުވައްޒަފުންނަށް އަރާމު، ހިތްފަސޭހަ މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ބެލެނިވެރިން އިސްނަގައިގެން ތައްޔާރުކުރި ތަނެކެވެ.
ސްކޫލުގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދިޔާކުރި މި ސްޓާފް ލައުންޖުގައި ސައި ކޮޓަރިއެއްގެ އިތުރުން، ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ ބަދިގެއެއް ހިމެނެއެވެ. މި ތަން ފަރުމާކޮށްފައިވަނީ މުވައްޒަފުންގެ ބްރޭކް ގަޑިތަކުގައި ހިތްހަމަޖެހުމާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ އިންތިޒާމުތަކާ އެކުގައެވެ.
މި ސްޓާފް ލައުންޖް ރަސްމީކޮށް ހުޅުވައިދެއްވީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފު ކަމަށްވާ ޝަހީމާ ނަޞީރެވެ. ޝަހީމާއަކީ 1989 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި، ވޭތުވެދިޔަ 37 އަހަރު އެ ސްކޫލުގެ އިދާރީ އޮފީހުގައި ވަރުބަލިކަމެއް ނެތި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ މުވައްޒަފެކެވެ.
މި މަޝްރޫޢަށް އެންމެ ބޮޑު ޚަރަދެއް ހަމަޖައްސާފައިވަނީ ބެލެނިވެރިން އިސްނަގައިގެން ކުރިއަށްގެންދިޔަ ޚާއްޞަ މަސައްކަތު ދުވަހަކުން ހޯދި ފައިސާއިންނެވެ. އެ ހަރަކާތުން 166,000 ރުފިޔާ ހޯދާފައިވެއެވެ. މީގެ އިތުރުން، ބެލެނިވެރިންނާއި ސްކޫލުގެ މުވައްޒަފުން ގުޅިގެން ބޭއްވި ފަން ފެއާ އިން ލިބުނު 28,000 ރުފިޔާގެ ތެރެއިން ބައެއް ވެސް ވަނީ މި މަސައްކަތަށް ހޭދަކޮށްފައެވެ.
ސްޓާފް ލައުންޖް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އަސްލަމް ވަނީ މި މަސައްކަތް ކާމިޔާބުކުރުމަށް އެކި ފަރާތްތަކުން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ޕީޓީއޭ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، ބަދިގޭގެ ކަބަޑުސެޓު ޖެހުމަށް ބޭނުންވާ ފިލާ ހަދިޔާކުރި ފަރާތްތަކުގެ އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ސައި ކޮޓަރިއަށް ބޭނުންވާ ފްރިޖާއި މައިކްރޯވޭވް އަވަން އަދި އެހެނިހެން ސާމާނު ހަދިޔާކުރި ދި ފައުންޑޭޝަން، އެހީ ޖަމްޢިއްޔާ، އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ އެހީތެރިކަމަށް ޕްރިންސިޕަލް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ޓީ މެޝިން ހަދިޔާކުރި "ބިގް ސޭވް" އަށާއި، އެއްވެސް އަގަކާ ނުލައި މުޅި ތަނުގެ ކަރަންޓު ވަޔަރިންގެ އެންމެހައި މަސައްކަތްތައް ކޮށްދިން ފެނަކަ ދިއްދޫ ބްރާންޗުގެ މުވައްޒަފުންނަށް ވެސް ޕްރިންސިޕަލް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!