އިންޑިއާއާ ނުލައި ދިވެހިންނަށް އުޅެވޭނެ ކަމަކަށް ގަބޫލުނުކުރެއްވޭ ކަމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދިޔަ "ބޭ އޮފް ބެންގާލް ކޮންވަސޭޝަން" ކޮންފަރެންސްގެ ހަވާސާގައި، އިންޑިއާގެ ނޫސް އެޖެންސީ "އޭއެންއައި" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad
rt

އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތް ދެމެހެއްޓުމުގައި އިންޑިއާއިން އަދާކުރަނީ މުހިންމު ދައުރެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެންމެންގެ ފާގަތިކަން ކަށަވަރުކުރުމަށް ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުން ބަލަނީ އިންޑިއާއަށް ކަމަށެވެ. އަދި އެންމެންގެ ވެސް ދައުރުތަކެއް އޮތް ނަމަވެސް، އެކި ބައެއްގެ ދައުރު ތަފާތު ކަމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާ ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، އިންޑިއާ ވަރަށް ހަލުވިކަމާއެކު ތަރައްގީވަމުން އަންނައިރު، ރައްޔިތުންގެ ފާގަތިކަމަށްޓަކައި އެ ތަރައްގީއާ ދިވެހިން ގުޅެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ "އިންޑިއާ އައުޓް" ކެމްޕޭނަކާ އެކު ކަމަށް ވިޔަސް، މިހާރު އަނެއްކާވެސް އެކި ކަންކަމުގައި އިންޑިއާއާ އެކު މަސައްކަތް ކުރަން ފައްޓަވާފައިވާތީ އެކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، ވެރިކަމަށް އަންނަން ބޭނުންވުމުން ކޮންމެ އެއްޗެއް ވެސް ބުނެވިދާނެ ކަމަށެވެ. ނަމަވެސް ވެރިކަމަށް އައުމުން އެފަދަ ހުރިހާ ވާހަކައެއް ނުދެއްކޭނެކަން އިހުސާސްވެ، ކަންކަން ހަމަޖެހިފައިވާ އާ އުސޫލުތަކާ އެއްގޮތަށް ބަދަލުވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑިއާއާ ނުލައި ދިވެހިންނަށް އުޅެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައި އިންޑިއާގެ ސަލާމަތީ ބާރުތައް އޮތުމުގެ ފައިދާއާ ބެހޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، އިންޑިއާގެ އޮފިޝަލުން އަރިހުގައި ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އެ ބޭފުޅުން އަޑުއައްސަވާ ކަމަށެވެ. އަދި އަސްކަރިއްޔާއަށް ރާއްޖެއަށް ކުރެވޭނީ ކިހާވަރެއްގެ ޚަރަދެއްތޯ ސުވާލު އުފައްދަވަމުން، ދެކުނު އޭޝިއާ އަދި އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުން މާ ބޮޑަށް ވެސް ރަނގަޅު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ގައުމު ވަރަށް ބޮޑަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެއީ އަބަދުވެސް އަމިއްލަ ގެ ފަދަ ތަނެއްގެ އިހުސާސް ކުރެވޭ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ރާއްޖެ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ވެގެންދިޔައީ އެމީހުންގެ ބުރަ މަސައްކަތުން ކަމަށް ވިދާޅުވެ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުމާ މެދު ވާހަކަދައްކަވަމުން ނަޝީދު ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް މައްސަލަތައް ހައްލުކޮށް ގުޅުން އަލުން ރަނގަޅު ކުރުމަށް އެދިވަޑައިގެންފައެވެ.

ތިން ދުވަހުގެ މުއްދަތަށް ސެންޓަ ފޯ ގަވަނަންސް ސްޓަޑީޒް (ސީޖީއެސް) އިން އިންތިޒާމުކޮށްގެން ބޭއްވި މި ކޮންފަރެންސްގައި ނަޝީދު ވަނީ "ނިއު ސްޓްރެޓީޖިކް މިޑްލް" ސެޝަންގައި ވާހަކަދައްކަވައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވެސް ޚިޔާލު ފާޅުކުރައްވާފައެވެ. މި ކޮންފަރެންސްގައި ބަންގްލަދޭޝްގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ދިނޭޝް ޓްރިވޭދީ ވެސް ވާހަކަދައްކަވާފައިވާއިރު، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ދެ އަހަރު ކުރިން ނިއުދިއްލީއަށް ވަޑައިގަތީ ކުއްލި ގޮތަކަށް ކަމަށާއި، އެ ދަތުރުފުޅުގައި އިންޑިއާގެ އަސްކަރިއްޔާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.