ތަކެތި ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން މަޑުޖެހިފައިހުރި ތަރައްޤީގެ ގިނަ މަޝްރޫޢުތައް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް މިއަދު އިރުޝާދު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އިރުޝާދު ދެއްވީ ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވައި، އެ މަސައްކަތްތައް ތަންފީޒުކުރުމުގެ ދުވެލި ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވަނީ ޙިއްޞާކުރައްވާފައެވެ. އަދި މި މަޝްރޫޢުތަކާ ގުޅޭގޮތުން ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.
މަޝްރޫޢުތަކަށް ދިމާވި ދަތިތަކަށް އަލިއަޅުއްވާލައްވަމުން މި ބައްދަލުވުމުގައި ފާހަގަކުރެއްވި ގޮތުގައި، ބައެއް މަސައްކަތްތައް މަޑުޖެހެން މެދުވެރިވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތަކެތި ހޯދުމުގައި ދިމާވި ދަތިތަކުގެ ސަބަބުންނެވެ. ނަމަވެސް އެކަންކަމަށް މިހާރު ވަނީ ޙައްލުތަކެއް ހޯދިފައެވެ.
އެހެންކަމުން އެ ޙައްލުތަކާއެކު، ހުއްޓިފައި ނުވަތަ މަޑުޖެހިފައިހުރި މަޝްރޫޢުތައް އަލުން ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ރައީސް އިރުޝާދު ދެއްވިއެވެ. މީގެއިތުރުން، ވަކިވަކި މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށްޓަކައި، އިތުރު ހިތްވަރަކާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!