ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް، އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިކަމަށް އެދިފައިވަނީ އެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން މިފަދަ މައްސަލަތަކެއް ފާހަގަކުރެވިގެންނެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި، މިގޮތަށް ފޮނުވަމުންދާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި ހީވާ ފަދަ އޮޅުވާލުމެއްގެ ތެރެއިންނެވެ. މިގޮތުން، ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ހިމަނަނީ ރަސްމީ ދައުވަތެއް (އިންވިޓޭޝަނެއް)، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައެވެ.

މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވިއްޖެނަމަ ނުވަތަ އެ ފައިލްތައް ހުޅުވިއްޖެނަމަ، އެ މީހެއްގެ ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު ޒާތީ މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، މުޅި ސިސްޓަމް ކޮމްޕްރޮމައިޒްވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ފުލުހުން ފާހަގަކުރެއެވެ.

މި ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއް ކަމަށް ސީސޮކުން ލަފާކުރެއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންނެވެ.

މީގެއިތުރުން، މި ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހިއްސާކުރަމުންދާ ކަމަށާއި، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައިގެ ތަހުގީގާއި ޓެކްނިކަލް އެނަލިސިސްގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

ފުލުހުން ބުނީ މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަން ކަމަށެވެ. އެހެންކަމުން، މިފަދަ ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުން ކަމަށް ފާހަގަކޮށް، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް މިކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ. މި މައްސަލައާ ގުޅޭ ޓެކްނިކަލް އިތުރު ތަފުސީލު ސައިބަރ ޕޯޓަލް އިން ލިބެން ހުންނާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.