އއ. ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައި، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިމަންދޫ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

Ad
rt

މި އޮޕަރޭޝަން ހިންގާފައިވަނީ ހިމަންދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

އެ މައުލޫމާތާ ގުޅިގެން މި އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، އެ ލޯންޗުގައި ހުރި ފޮށިގަނޑެއް ވަނީ ބަލައިފާސްކޮށްފައެވެ. އެ ފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 40 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

ފޮށިގަނޑެއްގެ ތެރެއިން މި ތަކެތި ފެނުނު ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.