ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް އެޅޭ ކުނި ސާފުނުކޮށްފި ނަމަ، ކައުންސިލުން އެ ތަނެއް ސާފުކުރުމަށް ދިޔަ ޚަރަދު، އެކަމަށް ޒިންމާވާ މީހެއް ނުވަތަ ބައެއްގެ އަތުން އަތުލެވޭނެ ކަމަށް ހދ. ނައިވާދޫ ކައުންސިލުން ހަނދާންކޮށްދީފިއެވެ.
ނައިވާދޫ ކައުންސިލުން ރައްޔިތުންނަށް މިކަން ހަނދާންކޮށްދީފައި ވަނީ "ކުނި އުކާލުމާއި ނައްތާލުމުގެ އާއްމު ޤަވާޢިދުތައް" ހަނދާންކޮށްދިނުމުގެ ގޮތުން ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ޕޯސްޓެއް މެދުވެރިކޮށެވެ.
އެ ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުނިއުކާލުމާއި ކުނި ނައްތާލުމާ ބެހޭ ޤަވާއިދުގެ 4 ވަނަ މާއްދާގައިވާ ގޮތުން، ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ، ވީހާވެސް އަވަހަކަށް އެ ތަނެއް ސާފުކުރަން ވާނެއެވެ.
މީގެއިތުރުން، އެ ގޮތަށް މަގުމައްޗަށް އެޅޭ ކުނި ސާފު ނުކޮށްފިނަމަ، އެއީ މަގުމައްޗަށް ކުނި އެޅިކަމަށް ބެލެވޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
އާއްމު ޤަވާޢިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ބޭނުމުގައި، ކޮންމެ ހަފުތާއަކު ވެސް އާއްމު ޤަވާޢިދުގެ ކޮންމެވެސް މުޙިއްމު މާއްދާއެއް ރައްޔިތުންނާ ޚިއްސާކުރަމުން ގެންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.
އާއްމު ޤަވާޢިދުތަކަށް ހޭލުންތެރިވުމަކީ މުޖުތަމަޢަށާއި ފަރުދުންނަށް ނުހަނު ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. އެގޮތުން ތަފާތު މައްސަލަތަކާއި ޖޫރިމަނާތަކުން ސަލާމަތްވެ، ރަށުގައި އަމަންއަމާންކަން ޤާއިމުވުމުގެ އިތުރުން، ރައްޔިތުންގެ ކިބައިގައި ޒިންމާދާރުކަން އަށަގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!