ރާއްްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން ކުރިއަށް ގެންދާ "މަންފާ ދަތުރު" ށ. މިލަންދޫއަށް ކުރުމަށް ހަމަޖެހިއްޖެއެވެ.

މިއީ މިލަންދޫ ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާއާއި ގުޅިގެން ކުރިއަށް ގެންދާ ދީނީ ފޯރަމެކެވެ.

Ad
rt

މި ދަތުރުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނީ، މަންފާ އެކަޑަމީގެ ޗެއާމަން އަލް އަޚް ޢަލީ ރަމީޒާއި، އައްޝައިޙް އަޙްމަދު މިޞްބާޙްގެ އިތުރުން އައްޝައިޙް ޙަސަން ޒިޔާނެވެ.

މި ހިނގާ އޮކްޓޯބަރ މަހުގެ 8 އަދި 9 ވަނަ ދުވަހު މަންފާ ދަތުރުގެ ތަފާތު ހަރަކާތްތަކެއް އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަން މިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

އެ ގޮތުން އޮކްޓޯބަރ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ނަމާދު ވޯކްޝޮޕާއި، ދޮރުންދޮރަށް އަދި މިސްކިތު ދަރުސް، ސްކޫލްގެ ދަރިވަރުންނަށް ޚާއްސަކޮށްފައިވާ ބަންގި ސެޝަނާއި، އަންހެނުންނަށް ޚާއްޞަކޮށް ބާއްވާ ދަރުހުގެ އިތުރުން، ޒުވާނުންނާއެކު ކޮފީގެ ނަމުގައި ޒުވާނުންނާ ބައްދަލުކުރުން ހިމެނެއެވެ.

މީގެއިތުރުން އޮކްޓޯބަރ 9 ވަނަ ދުވަހު އާއްމު ރައްޔިތުންނަށް އަމާޒުކޮށް ބާއްވާ އިސްލާމިކް ފައިނޭންސިން އާ ބެހޭ ސެޝަނަކާއި އައްޔަ ވިތު ކިޑްސްގެ އިތުރުން ބޮޑު ދަރުސް އޮންނާނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ނިހާދު މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، "ދޮރުން ދޮރަށް" މި ހަރަކާތަކީ، މަންފާ ޓީމުން، އެ ރަށުގެ ގޭގެއަށް ވަޑައިގެން، އެ ގެއަކުން ނުވަތަ އެ އާއިލާއަކުން އެންމެ ބޭނުންވާ ދީނީ މައުޟޫއަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހިންގޭ ހަރަކާތެއްކަމަށެވެ.

މީގެއިތުރުން "އައްޔަ ވިތު ކިޑްސް" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަކޮށް ބާއްވާ ހަރަކާތަކީ ތުއްތުކުދިންނަށް، އެ ކުދިންގެ ފެންވަރުން ދީނީ ވާހަަތައް ކިޔައިދީ، މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެއްކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

މި ދަތުރުގެ ހުރިހާ ޕްރޮގްރާމްތަކެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުޢަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ހަމަޖެހިފައިވެއެވެ. މި ދަތުރު ހަމަޖެހިފައިވަނީ އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަމަށް ވެސް އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މަންފާ ދަތުރުފަދަ، ދީނީ އެތައް ޕްރޮގްރާމްތަކަކާއި ފޯރަމްތައް އެކި ރަހަތަކުގައި، ކުރިއަށް އޮތްތާ ވެސް ކުރިއަށް ގެންދަން މަސައްކަތްކުރާނެކަމަށް މިލަންދޫ ކައުންސިލް ރައީސް ވިދާޅުވިއެވެ.