ހއ. ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކެލާ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މަސައްކަތް ކޮންޓްރެކްޓް އުޞޫލުން އެ ޕްރޮޖެކްޓް ނަގާ ފަރާތުގެ އަމިއްލަ ތަކެތީގައެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 05 އޮކްޓޫބަރު 2026 އިން ފެށިގެން 11 އޮކްޓޫބަރު 2026 ގެ ނިޔަލަށް ހުޅުވާލައިފައިވެއެވެ.
ރަޖިސްޓްރީވުމަށް އެދޭ ފޯމު ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 12:00 އާ ދެމެދު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ހުށަހެޅޭނެއެވެ. އަދި ކައުންސިލްގެ ރަސްމީ އީމެއިލް (info@kelaa.gov.mv) މެދުވެރިކޮށް ވެސް ފޯމު ބަލައިގަންނާނެ ކަމަށް ކައުންސިލުން ބަޔާންކޮށްފައިވެއެވެ.
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަދި ބީލަމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:30 ގައި އެ އިދާރާގެ މީޓިންގ ރޫމުގައެވެ.
މީގެއިތުރުން ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ބީލަމުގައި މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ފުރިހަމަކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!