ފަސިންޖަރުން ގޮވައިގެން ދުބާއީން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން، އެ ބޯޓު ވައްޓާލަން ޖެހިދާނެ ހާލަތަކަށް އިޒްރޭލުން އަސްކަރީ ފައިޓާ ޖެޓްތައް ތައްޔާރުކުރި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސީބީއެސް ނިއުސް އިން މިކަން ހާމަކޮށްފައިވަނީ މި މައްސަލައިގެ ސީދާ މައުލޫމާތު އެނގޭ އިޒްރޭލުގެ ދެ މަސްދަރަކާ ހަވާލާދީއެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ ފްލައިދުބާއީގެ ފްލައިޓް 1073 ގައެވެ. އެ ފްލައިޓްގެ ކޯ-ޕައިލެޓް ވަނީ ބޯޓު ވައްޓާލުމަށް މަސައްކަތްކޮށް، ކޮކްޕިޓް ތެރޭގައި ހަމަލާދީފައެވެ. މި ހަމަލާއާ ގުޅިގެން، ބޯޓު ވަނީ ކުއްލިއަކަށް ގާތްގަނޑަކަށް 14،000 ފޫޓު ތިރިއަށް ވެއްޓިގެން ގޮސްފައެވެ. ނަމަވެސް ބޯޓުގެ ކެޕްޓަނަށް އަނިޔާވި ނަމަވެސް، ކޯ-ޕައިލެޓާ ދެކޮޅަށް ހަނގުރާމަކޮށް، ކޮކްޕިޓްގެ ދޮރު ހުޅުވޭ ވަރަށް އޭނާ ވަނީ ހިފަހައްޓާފައެވެ.

ކޮކްޕިޓްގެ ދޮރު ހުޅުވުމާއެކު، ބޯޓުގައި ތިބި އިޒްރޭލުގެ ފަސިންޖަރުންނާއި ޑިއުޓީގައި ނެތް ކްރޫ މެންބަރުން ވަނީ ވަގުތުން އެތެރެއަށް ވަދެ، ހަމަލާދިން މީހާ ހިފަހައްޓައި ބޯޓު ކޮންޓްރޯލް ކޮށްފައެވެ. އަދި ބޯޓުގެ ދަތުރު ހަމައަކަށް އެޅުވުމަށްފަހު، އެ ބޯޓު ވަނީ ސައުދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސާފައެވެ.

ރާޑަރުން ބޯޓު ގެއްލި، ރޭޑިއޯ މުވާސަލާތީ ގުޅުން ކެނޑުމާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ވަގުތުން ފައިޓާ ޖެޓްތައް ވައިގެ ތެރެއަށް ފޮނުވައި، އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ކުއްލި އޮޕަރޭޝަން މަރުކަޒެއް ގާއިމުކޮށްފައެވެ. ސެޕްޓެމްބަރު 11 ގެ ހާދިސާއާ ގުޅިގެން އިޒްރޭލުން އެކުލަވާލާފައިވާ އުސޫލުތަކުގެ ދަށުން، އެ ބޯޓު އިޒްރޭލުގެ ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ ބޯޓު ހުއްޓުވައި ވައްޓާލުމަށް ވެސް އިޒްރޭލުން އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށް ސީބީއެސް ނިއުސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

މިފަދަ ހާލަތެއްގައި ބޯޓު ވައްޓާލަން ތައްޔާރުވީ، އިޒްރޭލުގެ އަޒްރިއޭލީ ޓަވަރުތަކަށް ނުވަތަ ބެން ގޫރިއަން އެއާޕޯޓު ފަދަ މުހިންމު ތަންތަނަށް ހަމަލާއެއް ދިނުމުގެ ފުރުސަތު ހުއްޓުވުމަށްކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފަވެއެވެ. އެ އުސޫލުތައް ބުނާ ގޮތުން، މިފަދަ ހާލަތެއްގައި މަތިންދާބޯޓެއް ވައްޓާލުމުގެ އެންމެ ފަހުގެ ހުއްދަ ދެވޭނީ ހަމައެކަނި އެ ގައުމުގެ ބޮޑުވަޒީރަށެވެ.

އެހެންނަމަވެސް، ބޯޓުގެ މިސްރާބު އިޒްރޭލާ ދުރަށް، ސައުދީ އަރަބިއްޔާއާ ދިމާއަށް ބަދަލުވުމުން އިޒްރޭލުގެ ފައިޓާ ޖެޓްތައް ވަނީ އަނބުރާ ގެނެސްފައެވެ. އެއަށްފަހު، ސައުދީ އަރަބިއްޔާގެ ފައިޓާ ޖެޓްތައް އަވަސްވެގަނެ، އެ ބޯޓު ރައްކާތެރިކަމާއެކު އެ ގައުމަށް ޖެއްސުމަށްޓަކައި ވަނީ އެސްކޯޓް ކޮށްދީފައެވެ.

މި ހާދިސާއަށްފަހު، ކޮކްޕިޓްގައި ހަމަލާދިން މީހާ ސައުދީ އަރަބިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި ފަހުން އޭނާ ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އާ ހަވާލުކޮށްފައެވެ. މި ހަމަލާ ދޭން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި، އިޒްރޭލުގެ މަންދޫބުން ވެސް ބައިވެރިވާ ގޮތަށް ގުޅިފައިވާ ތަހުގީގެއް މިހާރު ޔޫއޭއީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

މި ތަހުގީގު ފަށާފައިވާއިރު އެމެރިކާގެ ރައީސް ޓްރަމްޕާއި، އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ އަންނަނީ އެކަން ''އީރާންގެ ބޮލުގައި'' އެޅުވުމަށް ހެޔޮވަރު ''ކޯޓެއް ފެހުމަށް'' މަސައްކަތް ކުރަމުންނެވެ.