ދިމިޝްގާއި ލަތާކިޔާގައި އުމްރާނީ އަދި ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށްޓަކައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ރިއަލް އެސްޓޭޓް ޑިވެލޮޕަރު "އީގަލް ހިލްސް" އާ އެކު ސޫރިޔާ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރާއު ހާޒިރުވެވަޑައިގެންނެވި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިމިޝްގުގެ ޕީޕަލްސް ޕެލަސްގައި ބޭއްވި "އިންވެސްޓިން އިން ސީރިއާ އެންޑް ޕްރޮޖެކްޓްސް އަންޑަވޭ" ހަރަކާތުގެ ތެރެއިންނެވެ.

Ad
rt

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސޫރިޔާގެ ޕަބްލިކް ވޯކްސް އެންޑް ހައުސިން މިނިސްޓަރު މުސްތަފާ އަބްދުއްރައްޒާގު ވިދާޅުވީ، މި އެއްބަސްވުމަކީ ގައުމު އަލުން އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ޕްލޭނިންގެ މަރުހަލާއިން އަމަލީ ގޮތުން ތަންފީޒުކުރުމާއި އިންވެސްޓަރުންގެ ބައިވެރިވުމުގެ މަރުހަލާއަށް ބަދަލުވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ އިދާރާތަކާއި، އުމްރާނީ ތަރައްގީގެ މުއައްސަސާތައް ގުޅިގެން ކުރި ދިގު މަސައްކަތުގެ ނަތީޖާ ކަމަށާއި، މީގެ ސަބަބުން ތަރައްގީގެ ބޭނުންތަކާއި އާންމު މަސްލަހަތު ހިމާޔަތްކުރެވި، ބޭރުގެ އިންވެސްޓްމަންޓްތަކާއި ފަންނީ ތަޖުރިބާ ގައުމަށް ގެނައުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރައްޒާގު ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް އަހަރުތަކުގައި ސޫރިޔާއަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މިނިސްޓްރީގެ އަންދާޒާތަކުން ދައްކާ ގޮތުގައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، 2030 ވަނަ އަހަރާ ހަމައަށް ދާއިރު ބޯހިޔާވަހިކަމުގެ ދަތިކަން 2 މިލިއަނަށް ވުރެ ގިނަ ޔުނިޓަށް އަރާނެއެވެ. މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ދަނީ ބިމާއި، ގާނޫނީ އޮނިގަނޑާއި، އިންފްރާސްޓްރަކްޗާ އަދި އިންވެސްޓްމަންޓް ހިމެނޭ ފުރިހަމަ ގައުމީ ހައުސިން ސްޓްރެޓެޖީއެއް އެކުލަވާލަމުންނެވެ. މި އެއްބަސްވުމުގެ ދަށުން ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ވަގުތުން ފެށިގެންދާނެ ކަމަށާއި، ފުރަތަމަ ފިޔަވަހީގައި އެކި ފަންތީގެ މީހުންނަށް އަތްފޯރާފަށުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

In-presence-of-President-al-Sharaa-Syria-signs-framework-deal-with-UAEs-Eagle-Hills1.jpg

އީގަލް ހިލްސް ކުންފުނީގެ ބާނީ މުޙައްމަދު އަލާއްބާރު ވިދާޅުވީ، އެ ކުންފުނިން ދިމިޝްގުގައި ކުރިއަށްގެންދަނީ "ތަޟާމުން ޓަވަރސް" މަޝްރޫއު ކަމަށާއި، ލަތާކިޔާގައި ކުރިއަށްގެންދަނީ "އީކޯ ލައިފް" މަޝްރޫއު ކަމަށެވެ. އަލާއްބާރު ވިދާޅުވީ އުންމީދަކީ މި މަޝްރޫއުތަކަކީ އެކަށީގެންވާ ބޯހިޔާވަހިކަމާއި، ފުރިހަމަ ހިދުމަތްތަކާއި، ވަޒީފާގެ ފުރުސަތުތައް ލިބިގެންދާ އަބުރުވެރި ދިރިއުޅުމެއް ލިއްބައިދޭ މުޖުތަމައުތަކަކަށް ވެގެންދިއުން ކަމަށެވެ. އަދި ސޫރިޔާގެ ރައްޔިތުން އަނބުރާ ގައުމަށް ރުޖޫއަވުމަށާއި ގައުމު ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން، ގައުމުން ބޭރުގައާއި އެތެރޭގައި ތިބި ސޫރިޔާގެ އިންވެސްޓަރުން ގައުމަށް އިންވެސްޓްކުރުމަށް އޭނާ ބާރުއެޅުއްވިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ފަތުރުވެރިކަމާ ބެހޭ ވަޒީރު މާޒިން އަލްސަލްހާނީ ވިދާޅުވީ، މީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އުމްރާނީ އަދި ފަތުރުވެރިކަމުގެ މުޖުތަމައުތައް ތަރައްގީކޮށް، ސަރަހައްދީ އިގްތިސާދުތައް ކުރިއެރުވުން ކަމަށެވެ. ފަތުރުވެރިކަމުގެ މި މަޝްރޫއުތަކުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 40،000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، އޭގެ ތެރޭގައި ދާއިމީ 10،000 އަށް ވުރެ ގިނަ ވަޒީފާ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ސޫރިޔާގެ އައްސޭރިފަށުގެ ގުދުރަތީ މުއްސަނދިކަން ބޭނުންކޮށްގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ޗާޓުގައި އެ ގައުމުގެ މަގާމު ވަރުގަދަ ކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

In presence of President al-Sharaa, Syria signs framework deal with UAE's Eagle Hills

މި މަޝްރޫއުތަކުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއާއި، ސިނާއީ އަދި ހިދުމަތްތަކުގެ ދާއިރާގެ އިތުރުން ސަޕްލައި ޗެއިންތަކަށް ބޮޑު ހަރަކާތްތެރިކަމެއް އަންނާނެ ކަމަށް ވަޒީރު އަބްދުއްރައްޒާގު ވެސް ވިދާޅުވިއެވެ. އަދި ބޭރުގެ އިންވެސްޓަރުންނާއި މާހިރުންގެ ބައިވެރިވުމާއެކު ސޫރިޔާގެ ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓަންޓުން އަދި ފަންނީ މަސައްކަތްތެރިންނަށް ގިނަ ފުރުސަތުތަކެއް ހުޅުވި، ތަޖުރިބާ ހިއްސާކުރުމާއި ޕްލޭނިން އަދި މަސައްކަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ ބޮޑު އިންޓަގްރޭޓެޑް އާބަން މަޝްރޫޢެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވިޔަފާރި އުސޫލުތަކުގެ އެއްބަސްވުމެއްގައި (ކޮމާޝަލް ޓާމްސް އެގްރީމަންޓް) ސޮއިކޮށްފައިވަނީ މީގެ ދެ ހަފްތާކުރިންނެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ ޚަރަދު ގާތްގަނޑަކަށް 20 ބިލިއަން ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ދިވެހިރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ދުރުރާސްތާގެ ތަޞައްވުރެއްކަމަށް ސަރުކާރުން ބުނެއެވެ.