ބޮޑުތިލަދުންމައްޗަށް އަމާޒުކޮށްގެން ބޭއްވި "ބޮޑުތިލަދުންމަތީ ބޮޑުބާޒާރު" އަދި އައިލެންޑް ކާނިވަލް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ.

މިއީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން 30 ސެޕްޓެމްބަރ 2026 އިން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގެ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ބޭއްވުނު ހަރަކާތެކެވެ.

Ad
rt

ކުޅުދުއްފުށީގެ އިޤްތިޞާދު ކުރިއެރުވުމަށާއި، އެ ސިޓީގައި ހިންގަމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ވިޔަފާރިތައް އެއްފަހަރާ ބޮޑު މާކެޓަކަށް އިޝްތިހާރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބޭއްވި މި ބާޒާރަކީ މިހާތަނަށް ބޮޑުތިލަދުންމަތީގައި ބޭއްވުނު އެންމެ ބޮޑު ބާޒާރެވެ.

މި ބާޒާރަށް، ދަޢުވަތު ދެއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޓީމުން، އަތޮޅުތެރޭ ރަށްރަށަށް ޒިޔާރަތް ކުރައްވާފައިވެއެވެ. މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، 25،000 ހާހަށްވުރެ ގިނަ ފަރާތްތަކުން ޒިޔާރަތްކޮށްފައިވާކަމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި ބާޒާރަށް ޒިޔާރަތްކުރި، ގިނަ ޢަދަދެއްގެ ކުޑަކުދިން ވަނީ އައިލެންޑް ކާނިވަލްގެ ފޯރިގަދަ، މަޖާ، ކުޑަކުދިންނާ ގުޅޭ ގިނަ ގޭމްތަކުގައި ބައިވެރިވެ، މަޖާ، އެކުވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ. ޢީދެއް ފަދަ އުފާވެރި މާޙައުލެއްގައި ކުރިއަށްދިޔަ މި ބާޒާރުގެ ސްޓޯލްތަކަށް ބޮޑު ތަރުޙީބެއް ލިބި، ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދިޔަކަން ފާހަގަކުރެވެއެވެ.

މި ބޮޑު ހަރަކާތް، ކާމިޔާބުކަމާއެކު ނިންމާލުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ކުޅުދުއްފުށި ސިޓީކައުންސިލުން ޝުކުރު ދަންނަވާފައިވެއެވެ.