ވިޔަފާރި އުސޫލުން ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތަކަށް ބޭންކުތަކުން ފައިސާ ދޫކުރުން މަދުކުރަމުންދާ ދަނޑިވަޅެއްގައި، ހޮންގްކޮންގްގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރާ ފުރަތަމަ ޕްރޮޕަޓީ ޑެޓް ފަންޑު ލޯންޗުކުރުމަށް ޕްރައިވެޓް އީކުއިޓީ ފާމަކުން ހުށަހަޅައިފިއެވެ.
މި ފަންޑުން އިންވެސްޓްކުރުމަށް އެކުލަވާލާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ވެސް ހިމެނެއެވެ.
ހޮންގްކޮންގަށް ނިސްބަތްވާ ރިއަލް އެސްޓޭޓް ޕްރައިވެޓް އީކުއިޓީ ފަންޑެއް ކަމަށްވާ ގޯ ކެޕިޓަލް އިން ވަނީ "ގޯ ކެޕިޓަލް ރިއަލް އެސްޓޭޓް ޕްރައިވެޓް ޑެޓް އޯއެފްސީ" ހޮންގްކޮންގް ސްޓޮކް އެކްސްޗޭންޖުގެ މެއިން ބޯޑުގައި ލިސްޓުކުރުމަށް ހުކުރު ދުވަހު ހުށަހަޅާފައެވެ. މި ކުންފުންޏަކީ 2025 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް 35.6 ބިލިއަން އެމެރިކާ ޑޮލަރުގެ އެސެޓް މެނޭޖްކޮށްފައިވާ ފަރާތެކެވެ.
ގޯ ކެޕިޓަލް އިން އަމާޒު ހިފާފައިވަނީ ހޮންގްކޮންގް އެކްސްޗޭންޖުގެ މެއިން ބޯޑުގައި ލިސްޓުކުރާ، ޕްރޮޕަޓީއަށް ހާއްސަ ފުރަތަމަ ޕްރައިވެޓް ޑެޓް ފަންޑަށް ވުމަށެވެ. އެ ފަންޑުން މިހާރު ވަނީ ޖުމްލަ 2.29 ބިލިއަން ހޮންގްކޮންގް ޑޮލަރު (291 މިލިއަން އެމެރިކާ ޑޮލަރު) ގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ފާހަގަކޮށްފައެވެ.
މި ފަންޑުގެ ދަށުން އިންވެސްޓްކުރުމަށް ފާހަގަކޮށްފައިވާ މަޝްރޫއުތައް ހިމެނެނީ ދިވެހިރާއްޖޭގެ އިތުރުން ހޮންގްކޮންގް، އޮސްޓްރޭލިއާ، ދެކުނު ކޮރެއާ އަދި ތައިލެންޑުގައެވެ. އަދި މި ޕައިޕްލައިންގައި ހިމެނޭ ގިނަ މަޝްރޫއުތަކަކީ އަހަރަކު %10 އަށް ވުރެ މަތީގެ އިންޓާނަލް ރޭޓް އޮފް ރިޓާން (އައިއާރްއާރް) އެއް ލިބޭނެ ކަމަށް ލަފާކުރެވޭ މަޝްރޫއުތަކެކެވެ.
ޕްރައިވެޓް އީކުއިޓީ ފާމުތަކުން މިފަދަ ފަންޑުތައް އުފައްދަން ފަށާފައިވަނީ ވިޔަފާރި އުސޫލުން ހިންގާ ރިއަލް އެސްޓޭޓް ދާއިރާއަށް ފައިސާ ހޯދުމުގައި އުފެދިފައިވާ ބޮޑު ހުސްކަން ފޫބެއްދުމުގެ ބޭނުމުގައެވެ. އާންމު ބޭންކުތަކުން މިހާރު ދަނީ ނުރައްކާ ބޮޑު ކަމަށް ބެލެވޭ ކޮމާޝަލް ރިއަލް އެސްޓޭޓް ލޯނުތަކާއި ބޮޑެތި މަޝްރޫއުތަކަށް ފައިސާ ދޫކުރުން މަދުކޮށް، ފަހަތަށް ޖެހެމުންނެވެ.
ބޭންކުތަކުން މި ދާއިރާއަށް ލޯނު ދިނުން މަދުކުރަން ފެށީ "ބާސެލް" އޮނިގަނޑުގެ ދަށުން ކަނޑައަޅާފައިވާ ރައުސްމާލުގެ ހަރުކަށި އުސޫލުތަކުގެ ސަބަބުންނެވެ. އެ އުސޫލުތަކާ ގުޅިގެން ޕްރޮޕަޓީ ލޯނުތަކަށް ކަނޑައަޅަންޖެހޭ ރިސްކް ވެއިޓިން މަތިވެގެން ދިޔުމަކީ ރިއަލް އެސްޓޭޓް ދާއިރާއަށް ބޭނުންވާ ފައިސާ ހޯދުމުގައި ބޮޑު ދަތިކަމެއް އުފެދިގެން ދިޔަ މައިގަނޑު ސަބަބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!