ދުނިޔޭގެ ފެންވަރުގައި އެކުލަވާލަމުންދާ ޕްލާސްޓިކް ތަޣައްޔަރުވުމާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ އެންމެ ފަހުގެ ލިޔުމުގައި ކުދި ޖަޒީރާ ނުވަތަ ރަށްވެހި ގައުމުތަކުގެ ކަންބޮޑުވުންތައް ހަރުދަނާކޮށް ހިމަނައި، އަމަލީ ގޮތުން އެކަންކަން ހިންގުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ތައިލެންޑްގެ ބެންކޮކްގައި ބޭއްވުނު، ޕްލާސްޓިކް ތަޣައްޔަރުވުމާބެހޭ ބައިނަލްއަޤްވާމީ މަޝްވަރާ ކޮމިޓީ (އިންޓަރގަވަމެންޓަލް ނެގޯޝިއޭޓިންގ ކޮމިޓީ - އައިއެންސީ) ގެ 2 ވަނަ އިންފޯމަލް ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ވާހަކަދައްކަމުން ރާއްޖެއިން ވަނީ ކުދި ރަށްވެހި ގައުމުތަކަށް (އެސްއައިޑީއެސް) ޕްލާސްޓިކް ތަޣައްޔަރުވުމުގެ ސަބަބުން ދިމާވާ ނުއުފުރާދީ އަދި ބޯޑަރުތައް ފަހަނައަޅައިދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. އަދި މިފަދަ ގައުމުތަކަށް ކުރިމަތިވެފައިވާ ޚާއްސަ ހާލަތްތަކާއި ނާޒުކު ނިކަމެތިކަން ފާހަގަކޮށް، ބައިނަލްއަޤްވާމީ މުއާހަދާ އެކުލަވާލާއިރު އެ ކަންކަމަށް ފުރިހަމައަށް ރިއާޔަތްކުރުމުގެ މުހިންމުކަން ވަނީ ބަޔާންކޮށްފައެވެ.

ތައިލެންޑްގައި ކުރިއަށްދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާފައިވަނީ ލީގަލް ކައުންސެލް، އަލްއުސްތާޛާ ފަޒީލާ އަޙުމަދު ޝަހީމްގެ އިތުރުން އެންވަޔަރަންމަންޓް އެނަލިސްޓް، އަލްފާޟިލާ ފާތިމަތު ޝަމްރާއެވެ.

މި ބައްދަލުވުމުގައި މި ދެ ބޭފުޅުން ބައިވެރިވެވަޑައިގަތުމަކީ، ގައުމުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މިފަދަ މުހިންމު ދާއިރާތަކުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

ބެންކޮކްގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޕްލާސްޓިކް ތަޣައްޔަރުވުމާ ބެހޭ މުއާހަދާގެ އެކި ދިމާތަކާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމެވެ. މި މަޝްވަރާތަކުގެ އަމާޒަކީ، 2027 ވަނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އައިއެންސީގެ ފަސްވަނަ ބައްދަލުވުމުގެ ހަތަރުވަނަ ބައިގައި މުއާހަދާގެ މަސައްކަތް އެއްކޮށް ނިންމުމަށްޓަކައި ގައުމުތަކުގެ މެދުގައި އެއްބަސްވުމެއް ބިނާކުރުމެވެ.

ތިމާވެއްޓަށް ދިމާވެފައިވާ މި ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރެވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި އެދެވޭ ހައްލުތަކަކަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.