ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި ޒުވާނެއްގެ އަތުން 57 ގްރާމްގެ މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ރެއަރ، މުޙައްމަދު ޖައުޝް ޝުޖާޢު (22އ) އެވެ.

Ad
rt

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔަ ވަގުތު، ފުލުހުން ފެނުމުން އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު އުފެދިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ހަރަކާތްތަކާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި، ފުލުހުން އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފިންކޮޅުތަކެއް ވަނީ ފެނިފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ މި ތަކެތީގެ ވަގުތީ ބަރުދަނަކީ 57 ގްރާމެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ޖައުޝް ޝުޖާޢުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.