ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި ޤައުމަށް ބޭނުންތެރި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރޭ ބޭއްވި ވިލާ ކޮލެޖުގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެހާ ދިވެހި ރައްޔިތުންގެވެސް ވަރަށް ބޮޑު އުންމީދެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ އުންމީދު ޙަޤީޤަތަކަށް ހެދުމަށްޓަކައި، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމުގެ ދުރުރާސްތާ ތަޞައްވުރެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައި، އިޢުލާން ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ތަޞައްވުރު ޙާޞިލުކުރުމަށް އެންމެހާ ފަރާތްތަކުގެ ބުރަ މަސައްކަތާއި އެހީތެރިކަން ބޭނުންވާ ކަމަށާއި، ޚާއްޞަގޮތެއްގައި ޒުވާނުން އިސްނަގައިގެން، ދަސްވެނީންގެ އީޖާދީ ވިސްނުންތައް އިސްކޮށްގެން މި މަސައްކަތުގައި އަމިއްލައަށް ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ރޭގެ ޙަފުލާގައި ޝަރަފްވެރި އެވޯޑުތައް ޙާޞިލްކުރި އެންމެހާ ދަސްވެނީންނަށާއި އެ ދަސްވެނީންގެ ޢާއިލާތަކަށް ތަހުނިޔާއާއި މުބާރިކުބާދީ އަދާކުރައްވަމުން، ޤައުމާއި މުޅި މުޖުތަމަޢަށް ދިމާވެފައިހުރި މައްސަލަތައް ޙައްލުކުރުމުގައި ދަސްވެނީންގެ ސިކުނޑިތަކުން އީޖާދީ ވިސްނުން އިސްކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މުޅި މުޖުތަމަޢަށް ބޭނުންވެފައިހުރި ކަންކަމަށް ދާއިމީ ޙައްލު ހޯދައިދިނުމުގައި އެބޭފުޅުންގެ ވިސްނުންތަކުގެ ބޭނުން އިންތިހާއަށް ބޮޑުކަމަށާއި، އެ މަގަށް މަސައްކަތް ކޮށްދެއްވައި، މުޅި މުޖުތަމަޢު އުފާކުރުވަނިވި ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މާދަމާ މަސައްކަތު މާހައުލަށް ނިކުމެ އެބޭފުޅުން ކުރާ މަސައްކަތް ވެގެންދާނީ ވަރަށް ޒިންމާދާރު، އެ މާހައުލަކާ ގުޅޭ އަދި މަސައްކަތުގެ ސްޕީޑު އަވަސް އީޖާދީ ވިސްނުންތައް އެތަންތަނަށް ހޯދައިދޭނެ މަސައްކަތަކަށް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނާއި މުއައްސަސާތަކާ ދެމެދު އޮންނަ އިތުބާރު ބަދަހިވެ، އިތުރަށް ފުރިހަމަވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޙަފުލާގައި "ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް" ޙާޞިލްކުރި ޕޯސްޓް ގްރެޖްއޭޓް ޕްރޮގްރާމްގެ ދަސްވެނިންނަށް އެވޯޑް ޙަވާލުކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.