ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ށ. ކަނޑިތީމު ކައުންސިލް ގުޅިގެން މަތީ ތަޢުލީމުގެ ކޯސްތައް ހިންގަން ފަށައިފިއެވެ.

ކަނޑިތީމު ކައުންސިލާއި އައިޔޫއެމްއާއި ދެމެދު މިކަމަށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކަނޑިތީމު ކައުންސިލް އިދާރާގެ ހޯލް އައިޔޫއެމްގެ އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނައިރު، މިވަގުތު އެ ސެންޓަރުގައި ކުރިއަށްދަނީ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ) އެވެ.

Ad
rt

މި އޮކްޓޫބަރު އިންޓޭކްގެ ކިޔެވުން މިއަދު ހަވީރު 6:00 ގައި 8 ދަރިވަރުންނާއެކު ވަނީ ފަށާފައެވެ. ދަރިވަރުންނަށް ކިޔަވައިދިނުމުގައި 4 ލެކްޗަރާއިން ހަރަކާތްތެރިވާނެކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މިކަމާ ގުޅޭގޮތުން ކަނޑިތީމު ކައުންސިލްގެ ރައީސް އިބްރާހީމް ނަޒްމީ "ތިލަދުން"އަށް ވިދާޅުވީ، މިއީ މާލެއާއި ކުޅުދުއްފުއްޓަށް ނުގޮސް ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި އައިޔޫއެމްގައި ހިންގާ ހުރިހާ ކޯހެއް ކިޔެވުމުގެ ފުރުޞަތު މި ސެންޓަރު މެދުވެރިކޮށް ފަހިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯސްތައް ހިންގުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ނަޒްމީ ފާހަގަކުރެއްވީ، ރަށުގެ އާބާދީ މަދުވުމެވެ. އެހެންކަމުން މި ފުރުޞަތަކީ ހަމައެކަނި ކަނޑިތީމުގެ ރައްޔިތުންނަށް އެކަނި އޮތް ފުރުޞަތެއް ނޫން ކަމަށާއި، ކައިރި ރަށްރަށުގެ ދަރިވަރުންނަށްވެސް މި ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.