ށ. ނޫމަރާ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އެރަށުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
މި ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ނޫމަރާގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ނޫމަރާ ކައުންސިލްގެ އިސްވެރިންގެ އިތުރުން އެރަށު ޞިއްޙީ މަރުކަޒުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ލެބޯޓަރީ ހުޅުއްވައިދެއްވުމަށްފަހު، އެތަނުގެ ޙާލަތު ވަޒީރު ވަނީ ބައްލަވާލައްވާފައެވެ. މީގެއިތުރުން ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވަޒީރު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ނޫމަރާގެ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިދިޔަ އަހަރު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!