މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ރަސްމީކޮށް ނިންމައި އިއުލާނު ކޮށްފިއެވެ.

މިއީ އެ ޕާޓީގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕާޓީގެ ރައީސްގެ މަގާމު އުވާލި ފަހުން ބާއްވާ ފުރަތަމަ ގައުމީ މަޖިލީހުގެ އިންތިހާބެވެ.

Ad
rt

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 27 ގައި ބާއްވާނެކަން ރަސްމީކޮށް އިއުލާނު ކުރެއްވީ "އެމްޑީޕީ ކޮންގްރެސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދެވެ.

މި އިންތިޚާބަކީ އެމްޑީޕީގެ ހިންގުމުގެ އޮނިގަނޑަށް އިސްލާހުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު އުވާލައި، އެންމެ އިސް މަގާމަކީ ޗެއާޕާސަން ކަމުގައި ހަމަޖެއްސުމަށް ކޮންގްރެސްގެ ބޮޑު އަގުލަބިއްޔަތަކުން ވަނީ ފާސްކޮށްފައެވެ.

ކުރިން ގަވާއިދު އޮތްގޮތުން ޕާޓީ ވެރިކަމުގައި އޮންނަ ހާލަތްތަކުގައި ޕާޓީގެ އެންމެ އިސް ފަރާތަކީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް، އަލަށް ފާސްކުރެވުނު އިސްލާހުތަކާއެކު ޕާޓީ ވެރިކަމުގައި އޮތް ނަމަވެސް އަދި އިދިކޮޅުގައި އޮތް ނަމަވެސް، ޕާޓީގެ އެންމެ އިސް ވެރިޔަކީ ޗެއާޕާސަން ކަމުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

ގައުމީ މަޖިލީހުގެ އިންތިހާބު ތާވަލުކުރިއިރު، އެ މަޖިލީހުގެ މުއްދަތު ދަންމާލުމާ ގުޅޭގޮތުން މިއަހަރުގެ އޮގަސްޓް 31 ގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އެ ނިންމުމުގައިވާ ގޮތުން، ޕާޓީގެ ކޮންގްރެސް ބާއްވާތާ އެއް މަސްދުވަހުގެ ތެރޭގައި ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން ޖެހެއެވެ. އަދި އެ މުއްދަތުގައި އިންތިޚާބު ނުބޭއްވިއްޖެ ހާލަތެއްގައި ވެސް، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ޖެނުއަރީ 31 ގެ ނިޔަލަށް ދައުރު ދަންމާލައި، އެ ތާރީޚުގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ކޮންގްރެސް ނިމުމާއެކު، އަންނަ ނޮވެމްބަރު 27 ގައި އިންތިހާބު ބޭއްވުމަށް މިހާރު މިވަނީ ރަސްމީކޮށް ތާވަލުކޮށްފައެވެ.