އަމީނީ މަގުގައި މަރާމާތުކުރި ސަރަޙައްދު އާންމު ދަތުރުފަތުރަށް އަލުން ހުޅުވާލާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި މަސައްކަތުގެ ތެރެއިން ދެ ސެގްމަންޓެއްގެ މަރާމާތު މިހާރު ނިންމާލާފައިވާއިރު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް ތިނެއްގެ މަސައްކަތެވެ.
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ކުރިއަށްގެންދިޔަ ދެ ސެގްމަންޓް ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެއީ ސެގްމަންޓް 1 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ކަންމައްޗެވެ.
މި ދެ ސެގްމަންޓުގެ މަސައްކަތްތަކުގެ ތަފްސީލަށް ބަލާއިރު، ސެގްމަންޓް 1 ގެ ދަށުން ކުރިން އަޅާފައިވާ އެގްރިކޭޓް ބޭސް ކޯސް (އޭބީސީ) އަދި ތާރު ނެގުމަށްފަހު ވަނީ 2,794.062 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް، އޭބީސީ އަދި ތާރު އަލުން އަޅާފައެވެ. އަދި ސެގްމަންޓް 2 ގެ ދަށުން 133.64 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނަގައި، އެ ސަރަޙައްދުގައި އަލުން އޭބީސީ އެޅުމާއި ތާރުއެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ސެގްމަންޓް 3 ގެ ގޮތުގައި ކުރިއަށްގެންދަނީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ. މި ސެގްމަންޓުގެ މަސައްކަތް އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާތީ، މިރޭ ދަންވަރު 12:00 އިން ފެށިގެން އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ފުލުހުން ވަނީ ނިންމާފައެވެ. މީގެއިތުރުން، މަގު މަރާމާތުކުރާ ސަރަޙައްދުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށްވެސް ފުލުހުން ވަނީ އަންގާފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ސެގްމަންޓް 3 ގެ މަސައްކަތުގެ ތެރޭގައި 1,924.77 އަކަމީޓަރުގެ ސަރަޙައްދަކުން ބާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރުއެޅުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުން ހިމެނެއެވެ. އަދި ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް ހިމެނޭ ސެގްމަންޓް 4 ގެ މަސައްކަތުގެ ދަށުން 1,148.91 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނަގައި، އަލުން އޭބީސީއާއި ތާރު އެޅުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!