މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، އުފެއްދުންތެރިކަން މައްޗަށް ގެންދިއުމަށާއި، ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ހުރިހާ ގޮތަކުންވެސް މިހާރަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް މިފަދައިން ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެމަނިކުފާނު ތިލަފުއްޓަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤެވެ. މި ޒިޔާރަތުގައި އެމްޕީއެލްގެ ފަރާތުން ވަނީ އެ ރަށުގައި ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސްއާ ޙިއްޞާކޮށްފައެވެ.
ރައީސްގެ ވާހަކަފުޅުގައި، މި މަސައްކަތް ސަރުކާރުގެ ހުރިހާ އިދާރާތަކާއި މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ފަރާތްތަކާ ގުޅިގެން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުގައި ރެޔާއި ދުވާލު ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި ކުންފުނިތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް އެމަނިކުފާނުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެއްވިއެވެ. ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫޢާއެކު، ޖާގަ ތަނަވަސް އަދި ވަސީލަތް ފުރިހަމަ ޕޯޓެއްގެ ގޮތުގައި އަންނަ އަހަރުގެ ނޮވެމްބަރު މަހު މި ބަނދަރު އޮޕަރޭޝަނަށް ގެނެވޭނޭ ކަމުގެ ޔަޤީންކަން ރައީސް ވަނީ މީގެ ކުރިންވެސް ދެއްވާފައެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާއެކު، ބައިނަލްއަޤުވާމީ ބޯޓުފަހަރުން މުދާ ބަރުކޮށް ބޭލުމަށް މިހާރު ހޭދަވާ 7 ދުވަހާއި 14 ދުވަހުގެ މުއްދަތު ގާތްގަނޑަކަށް 2 ދުވަހުގެ ޓާން އަރައުންޑް ޓައިމަކަށް ކުރުކުރެވިގެންދާނެއެވެ.
ތިލަފުށީގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، އެތެރޭގެ އުޅަނދުފަހަރަށް ޚާއްޞަ ކީ-ވޯލްގެ ފުރަތަމަ 100 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މީގެއިތުރުން، ބިންގަނޑު އެއްވަރުކުރުމާއި މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެތެރޭގެ ކީ-ވޯލްގެ ހިއްކި ސަރަޙައްދު ބެކްފިލް ކުރުމުގެ ގާތްގަނޑަކަށް 40 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ހަމައެއާއެކު، ކީ-ވޯލަށް ބޭނުންވާ ޕްރީކާސްޓް ކޮންކްރީޓް ބްލޮކްތައް މަސައްކަތް ހިނގާ ސައިޓުގައި އުފެއްދުމާއި، ބޭނުންވާ މެޝިނަރީއާއި ވަސީލަތްތައް ހޯދުމުގެ އިތުރުން، ޓާމިނަލް ޢިމާރާތްތައް އަޅާނެ ކޮންޓްރެކްޓަރަކު ހޮވުމުގެ މަސައްކަތްވެސް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
ތިލަފުށީގައި ޤާއިމުކުރާ 60 ހެކްޓަރުގެ މި ބޮޑު ބަނދަރު ޚިދުމަތަށް ހުޅުވައިލާއިރު، އަހަރަކު 390،000 ޓީއީޔޫގެ ކޮންޓެއިނަރު ހޭންޑްލް ކުރުމުގެ ޤާބިލުކަން ހުންނާނެއެވެ. އަދި މުޅި މަޝްރޫޢު އެއްކޮށް ނިމިގެންދާއިރު މި ޢަދަދު އަހަރަކު 1.8 މިލިއަން ޓީއީޔޫއަށް އިތުރުކުރެވިގެންދާނެއެވެ. މި ބަނދަރު ހުޅުވުމަށް ހަމަޖެހިފައިވަނީ ފުންމިނުގައި 14.6 މީޓަރު ހުންނަ، ބައިނަލްއަޤުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ޚާއްޞަ 375 މީޓަރު ދިގު ކީ-ވޯލަކާއެކުގައެވެ. މި ކީ-ވޯލް ކުރިއަށް އޮތް ތަނުގައި 1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.
މި މަޝްރޫޢުގެ ދަށުން އެތެރޭގެ އުޅަނދުފަހަރަށް ޚާއްޞަކޮށްގެން ގާތްގަނޑަކަށް 2 ކިލޯމީޓަރަށް ވުރެ ދިގު ކީ-ވޯލެއްވެސް ތަރައްޤީކުރެވިގެންދާނެއެވެ. އަދި ބަނދަރު ހުޅުވޭ މަރުޙަލާގައި ބޭނުންކުރުމަށްޓަކައި ޝިޕް-ޓު-ޝޯ 2 ކީ ކްރޭނާއި، 1 މޮބައިލް ހާބަރ ކްރޭން އެތަނުގައި ޤާއިމުކުރެވޭނެއެވެ. މި އިންޤިލާބީ ބަދަލުތަކާއެކު، ބައިނަލްއަޤުވާމީ އުޅަނދުފަހަރު ބަނދަރުގައި މަޑުކުރަންޖެހޭ މުއްދަތު ވަރަށް ބޮޑަށް ކުޑަކުރެވި، ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރކުރުމުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!