ހއ. އުތީމު ގަނޑުވަރު ހިމެނޭ ސަރަޙައްދު ލޭންޑްސްކޭޕްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް "އެކްސެސް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް" އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢަކީ އިންޑިއާ ސަރުކާރުން ދެއްވި ގްރާންޓްގެ ދަށުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަންނީ ލަފަޔާއި އިރުޝާދު އަދި ހުއްދައާއެކުގައި ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.

Ad
rt

އުތީމު ކައުންސިލްގެ ރައީސް "ތިލަދުން"އަށް ވިދާޅުވީ، ގާތްގަނޑަކަށް 2 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 120 ދުވަހުގެ މުއްދަތެއްކަމަށެވެ. އަދި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އުތީމު ގަނޑުވަރުގެ ތާރީޚީ އަސްލު ނުގެއްލޭ ގޮތަށް، ދިވެހިވަންތަކަން ފުރިހަމައަށް ދައްކުވައިދޭ ގޮތަށް އެ ސަރަޙައްދު ހިމާޔަތްކޮށް ލޭންޑްސްކޭޕް ކުރުންކަމަށެވެ.

މީގެއިތުރުން މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގައި މިހާރު ހުރި ގަސްތައް ނުކަނޑައި، އުނދޯއްޔާއި ޖޯލި ފަދަ ދިވެހި ސަޤާފީ ވަސީލަތްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށާއި، ރަށުގެ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މަންޒިލަކަށް އުތީމު ގަނޑުވަރު ހެދުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށް ކައުންސިލުން މައުލޫމާތުދެއްވިއެވެ.

މަސައްކަތުގެ ފެންވަރު ކައުންސިލުން ވަރަށް ގާތުން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށާއި، މިއީ އުތީމުގެ ތާރީޚީ އަދި ޢުމްރާނީ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު އިންޤިލާބީ ކުރިއެރުމެއް ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިކަމާގުޅިގެން ލިބެމުންދާ އެހީތެރިކަމަށްޓަކައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ފޮރެން މިނިސްޓްރީގެ އިތުރުން އިންޑިއާ އެމްބަސީއަށް އުތީމު ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.