ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގެ ކުރިން، ޓީމުގެ ކޯޗު ޖޯޖް ޖީސަސްއާ މައްސަލަ ޖެހިފައިވާ ކަމަށް ބުނާ ރިޕޯޓުތަކާއެކު، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕު ދޫކޮށް ގޮސްފިއެވެ.

ކޯޕަންހޭގަންގައި ކުރިއަށްދިޔަ ކޭމްޕު ދޫކޮށް ދިޔަކަން ރޮނާލްޑޯ ވަނީ ބުދަ ދުވަހު ކަށަވަރުކޮށްދީފައެވެ.

Ad
rt

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ރޮނާލްޑޯ ބުނީ، ގައުމީ ޓީމުގެ މެނޭޖަރުގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު، އަދި ޕޯޗުގީޒް ފުޓްބޯޅަ ފެޑެރޭޝަން (އެފްޕީއެފް) ގެ ރައީސާ މަޝްވަރާކުރުމަށްފަހު، ކޭމްޕު ދޫކޮށް ދާން ނިންމީ ކަމަށެވެ. އަދި ޓީމު ދޫކޮށް ދިޔަ ހަގީގީ ސަބަބު ކުރިއަށް އޮތް ތަނުގައި ޕޯޗުގަލްގެ ސަޕޯޓަރުންނަށް ހާމަކޮށްދޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

''ޤައުމީ ޓީމުގެ ކޯޗުގެ ޕްރެސް ކޮންފަރެންސަށް ފަހު، އަދި ޕޯޗުގީޒް ފުޓްބޯލް ފެޑެރޭޝަންގެ ރައީސާ ދެކެވުނު ވާހަކަތަކަށް ފަހު، އަހަރެން ޤައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔުމަށް ނިންމީމެވެ. އަހަރެން އަބަދުވެސް ހިތާއި ރޫޙުން ޚިދުމަތްކުރި ޤައުމީ ޓީމު ދޫކޮށްލަން މެދުވެރިވި ސަބަބުތައް، އެކަށީގެންވާ ވަގުތު ޖެހުމުން ހުރިހާ ޕޯޗުގީޒު ރައްޔިތުންނަށް ކިޔައިދޭނަމެވެ. މިހާރަކީ، އެއްވެސް އިސްތިސްނާއެއް ނެތި، ޕޯޗުގަލް އަށާއި އަހަރެންގެ ހުރިހާ ޓީމު ކުޅުންތެރިންނަށް ކާމިޔާބީއަށް އެދެންވީ ވަގުތެވެ.'' ރޮނާލްޑޯ ލިޔެފަވެއެވެ.

ޕޯޗުގަލްގެ ނޫހެއް ކަމަށްވާ "އާ ބޯލާ" އިން ވަނީ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމުން އެފްޕީއެފްގެ އުޅަނދެއްގައި ރޮނާލްޑޯ ނުކުމެގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ނޫހުން ރިޕޯޓުކުރި ގޮތުގައި ރޮނާލްޑޯ ސްޓޭޑިއަމް ދޫކޮށް ގޮސްފައިވަނީ، އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް ކޯޗު ޖީސަސް ބުނިތާ މާގިނައިރުތަކެއް ނުވަނީހެވެ. މީގެއިތުރުން، ސްޕެއިންގެ މީޑިއާ "މާކާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯ އުޅެނީ އަމިއްލަ މަތިންދާބޯޓެއްގައި މެޑްރިޑަށް ދިއުމަށެވެ.

އާދީއްތަ ދުވަހު ނޯވޭއާ ދެކޮޅަށް ޕޯޗުގަލް އިން 2-1 އިން މޮޅުވި މެޗުގައިވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނެރޭނެ ކަމަށް ކޯޗު ބުނި ނަމަވެސް، އެންމެ ފަހު ވަގުތު އޭނާ ކުޅެން ނެރެފައެއް ނުވެއެވެ. އަދި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ނަމަވެސް، ހޯމަ އަދި އަންގާރަ ދުވަހު ރޮނާލްޑޯ ޓީމުގެ އެހެން ކުޅުންތެރިންނާއެކު ފަރިތަކުރުމުގެ ބަދަލުގައި މަސައްކަތްކޮށްފައިވަނީ ޖިމްގައެވެ.

ބުދަ ދުވަހުގެ ފަރިތަކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޖީސަސް ވަނީ ރޮނާލްޑޯ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހެދި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. ޖީސަސް ބުނީ ރޮނާލްޑޯއާ ދެމެދު އެއްވެސް މައްސަލައެއް ނުއުފެދޭ ކަމަށާއި، ނެތް މައްސަލައަކާ ގުޅޭގޮތުން ވާހަކަދައްކަން މަޖުބޫރުވުމުން ރޮނާލްޑޯއާ ވާހަކަދެއްކި ކަމަށެވެ. އަދި ރޮނާލްޑޯ ކުޅެން ބޭނުންނަމަ ކުޅޭނެ ކަމަށާއި، ސަޕޯޓަރުންގެ ބެންޗަށް ފޮނުވާލަން ބޭނުންނަމަ އެކަންވެސް ކުރަން ހުރީ ތައްޔާރަށް ކަމަށް ބުނި ކަމަށް ޖީސަސް ބުންޏެވެ. މައްސަލަތަކާ ގުޅިގެން އެފްޕީއެފްގެ ރައީސް ޕެޑްރޯ ޕްރޮއެންސާ ވަނީ އަންގާރަ ދުވަހު ޑެންމާކަށް ވަޑައިގެންފައެވެ.

މި ހާދިސާއަށްފަހު ޕޯޗުގަލް ޓީމު ހޮޓަލަށް ދިޔައިރު، ރޮނާލްޑޯގެ އިތުރުން ކޯޗު ޖީސަސްވެސް ޓީމާއެކު ގޮސްފައެއް ނުވެއެވެ. އަދި އެ ދެ މީހުން މިވަގުތު ތިބި ތަނެއް އެނގިފައެއް ނުވެއެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯއަކީ ޕޯޗުގަލްއަށް 234 މެޗު ކުޅެދީ 146 ލަނޑު ޖަހައިދީފައިވާ، އެ ގައުމަށް އެންމެ ގިނަ މެޗު ކުޅެ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ނިމިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮނާލްޑޯ ވަނީ މީޑިއާތަކުން އޭނާ "މަރާލަން" އުޅޭތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށާއި، ކޯޗު ބޭނުން ނުވާނަމަ "މިއަދުވެސް" ޓީމު ދޫކޮށް ގޮސްދާނެ ކަމަށް ބުނެފައެވެ.