ރާއްޖޭގެ ތިމާވެއްޓާއި ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ތިމާވެށި ހިމާޔަތްކުރުމުގެ ޚާއްޞަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، ދެ އިދާރާގެ ދެމެދުގައި ސޮއިކުރެވުނު 'ލެޓާސް އޮފް އެގްރީމަންޓް' ގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢުތަކަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދިރުންތައް ރައްކާތެރިކުރުމާއި ތިމާވެށީގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ނިންމާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ރާއްޖޭގެ 'ނެޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން' މުރާޖަޢާކޮށް، ޒަމާނާ އެއްގޮތަށް އަދާހަމަކުރުން ހިމެނެއެވެ. މީގެ އިތުރުން، ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީ.ބީ.ޑީ) އަށް ރާއްޖެއިން ހުށަހަޅަންޖެހޭ ހަތްވަނަ ޤައުމީ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ތިމާވެށީގެ ދިރުންތައް ހިމާޔަތްކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމާއި ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަން ކުރިއަށް ގެންދިއުމަށްޓަކައި 'ބަޔޯޑައިވަރސިޓީ ފައިނޭންސިންގ ޕްލޭން' އެކުލަވާލުމަކީވެސް މި އެއްބަސްވުމުގެ ދަށުން ކުރެވޭނެ މުހިންމު މަސައްކަތެކެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، ދުނިޔޭގެ ފެންވަރުގައި ތިމާވެއްޓަށް ގެންނަންޖެހޭ ހެޔޮ ބަދަލުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމަކަށް ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ މައިދާނުގައި ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!