އިންޑިއާގެ މެދުތެރޭ މައްދިޔާ ޕްރަދޭޝްގެ އުއްޖައިން ސިޓީގައި ހުރި ތާރީޚީ "ޝާހީ މިސްކިތް" ބަޔަކު ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފެށުމާ ގުޅިގެން އެ ސިޓީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ، ސެކިއުރިޓީ ބާރުތަކާ އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

މި ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށް، ކޮންޓްރޯލް ކުރުމަށް ލަޓިޗާޖުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ގައު އުކުމާ ގުޅިގެން ހިންގި މި ކުރިމަތިލުންތަކުގައި މަދުވެގެން 12 މީހަކު އަނިޔާވެ، އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

Ad
rt

ސަރުކާރުގެ ބުލްޑޯޒަރުތައް ބޭނުންކޮށްގެން މުޅި މިސްކިތް އެއްކޮށް ތަޅާލާފާނެ ކަމުގެ ބިރު ބޮޑުވުމުން، މުސްލިމުން ވަނީ އަމިއްލައަށް އެކި ވަސީލަތްތައް ބޭނުންކޮށްގެން މިސްކިތުގެ ބައެއް ބައިތައް ތަޅާލަން ފަށާފައެވެ. މަރުތޭލައާއި ދަގަނޑު ބުރިތައް ބޭނުންކޮށްގެން މުސްލިމުން މިސްކިތުގެ ބޭރު އަރިމަތީގައިވާ ޕްލެޓްފޯމް ތަޅާލާފައިވާއިރު، އަންގާރަ ދުވަހު އޮތޯރިޓީތަކުން ވަނީ މިސްކިތުގެ މުނާރާގެ ބައެއްވެސް ނަގާފައެވެ. މި ހާދިސާއާ ގުޅިގެން އުއްޖައިންގެ ޗަތުރީ ޗޯކް ސަރަހައްދު ސެކިއުރިޓީ ބާރުތަކުން ވަނީ ބަންދުކޮށް، ރައްކާތެރިކަން ވަރުގަދަކޮށްފައެވެ.

މި މިސްކިތުގެ ބައެއް ތަޅާލަން ސަރުކާރުން ނިންމީ 2028 ވަނަ އަހަރު ކްޝިޕްރާ ކޯރުގެ ކައިރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިންދޫންގެ ދީނީ އީދެއް ކަމަށްވާ "ސިންހަސްތާ ކުންބު މޭލާ" އަށް މަގުފުޅާކުރުމުގެ މަޝްރޫއުގެ ދަށުންނެވެ. އުއްޖައިން މުނިސިޕަލް ކޯޕަރޭޝަނުން މިސްކިތުގެ މެނޭޖްމަންޓަށް މީގެ ދެ މަސް ކުރިން އެންގީ ސެޕްޓެމްބަރު 10 ގެ ކުރިން މިސްކިތުގެ ބައެއް އަމިއްލައަށް ނެގުމަށެވެ. އެ އަމުރާ ދެކޮޅަށް މުސްލިމުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަމުން ކޯޓުން ބުނީ، އީދަށް އަންނަ ގިނަ އަދަދެއްގެ މީހުންނަށް މަގުފުޅާކުރުމަކީ އާންމު މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

އުއްޖައިންގައި ޑިޖިޓަލް މާކެޓިން ވިޔަފާރިއެއް ކުރާ އުމުރުން 30 އަހަރުގެ ޒީޝާން ޚާން ބުނީ، މިސްކިތް ތަޅާލިޔަނުދިނުމަށްޓަކައި އެތައް ސަތޭކަ މުސްލިމުންނާއެކު ރޭގަނޑު ހޭލައި ތިބެ މުޒާހަރާކުރި ކަމަށެވެ. އަދި ސަރުކާރުން ފުރަތަމަ ހަތް ފޫޓަށްވުރެ ބޮޑު ބައެއް ތަޅާލަން އެދުނު ނަމަވެސް، މަޝްވަރާތަކަށްފަހު ތިން ފޫޓުގެ ބަޔަކަށް ކުޑަކުރި ކަމަށް އޭނާ ބުންޏެވެ. "އިދާރާތަކުން ބުނީ އަމިއްލައަށް ތަޅާލާނީއޭ ނޫނީ ތިމަންނަމެން ތަޅާލާނީއޭ. އަހަރެމެން އަމިއްލަ އަތުން އެތަން ތަޅާލީ. އެކަމުން އަހަރެމެންގެ ހިތްތަކަށް ވަރަށް ބޮޑަށް އަސަރުކުރި،" ޒީޝާން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ވެރިރަށް ނިއުދެލީގައިވެސް ވަނީ 'މޮނިޓަރިން ކޮމިޓީ އޮފް އިންޑިއަން މުސްލިމްސް' އިން އިންތިޒާމުކޮށްގެން މުޒާހަރާއެއް ބާއްވާފައެވެ. މި މުޒާހަރާގައި މުސްލިމް ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޖަމާއަތޭ އިސްލާމީ ހިންދުގެ ރައީސް ސައްޔިދު ސަދާތުއްލާ ހުސައިނީ ވިދާޅުވީ، އަޅުކަންކުރާ ތަންތަނަށް ގާނޫނީ އަދި ގާނޫނީ އަސާސީ ރައްކާތެރިކަން ނުދީ ތަޅާލުމަކީ ގާނޫނީ ސިޔާދަތާމެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ.

ބޯޕާލްއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ އުއްޖައިން ހިމެނޭ މައްދިޔާ ޕްރަދޭޝްގައި 2003 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުންދަނީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިންނެވެ. އިންޑިއާގެ މުސްލިމުން ބުނާ ގޮތުގައި ބީޖޭޕީގެ ވެރިކަމުގައި މުސްލިމުންގެ މިސްކިތްތަކާއި، ޒިޔާރަތްތަކާއި، މެދުރަސާތައް ޣައިރުގާނޫނީ ކަމަށް ބުނެ ތަޅާލުން ވަނީ އިތުރުވެފައެވެ. ނިއުދެލީގެ ޗެރިޓީއެއްގެ ބާނީ އާސިފް މުޖުތަބާ ބުނީ، މުސްލިމުންގެ މުއައްސަސާތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ސިޓީތަކުން މުސްލިމުންގެ ތާރީޚު ފޮހެވިގެންދާ ތަން އާންމުންނަށް ފެންނަމުންދާ ކަމަށެވެ.