ގޯލްޑަން ފުޓްސަލް މުބާރާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވީ ނަމަވެސް، ޒުވާނުންގެ ދައުރު އިތުރުކުރުމަށް ނައިވައިދޫ ތަމްސީލު ކުރާނެ އިތުރު ބަޔަކު ހޯދަން އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

އެ އިޢުލާނުގައި ބުނެފައިވާ ގޮތުން، އެ ކައުންސިލުން ބޭނުންވަނީ، މި މުބާރާތުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން 2027ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ނައިވައިދޫ ތަމްސީލްކޮށް، އިންތިޒާމްކުރާނެ ކްލަބް ޖަމްޢިއްޔާއެއް ނުވަތަ އަމިއްލަ ފަރާތެކެވެ.

Ad
rt

އެހެންކަމުން، މި މުބާރާތުގެ އެންމެހާ ކަންކަން އިންތިޒާމްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޮކްޓޯބަރ 2026 ވާ ބްރާފަތި ދުވަހުގެ 14:00ގެ ކުރިން މުބާރާތުގެ ކަންކަން އިންތިޒާމްކުރާނެ ގޮތުގެ ޕްލޭނާއެކު އެ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

ފާހަގަ ކުރެވޭ ގޮތުގައި، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހދ. ނައިވާދޫ އަކީ މުބާރާތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު އެއް ޓީމެވެ.

ނައިވާދޫ ވަނީ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.

ނައިވާދޫ ވަނީ އެ މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ. އަދި އެ ޓީމުވަނީ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ މުޅި ރާއްޖޭގެ ޗެމްޕިއަންކަން ހޯދާފައެވެ.

މީގެ އިތުރުން ނައިވާދޫއަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ރަނަރަޕް ޓީމެވެ.

މިއީ އެފްއޭއެމުން އަތޮޅުތަކުގެ މެދުގައި ރަސްމީ ފުޓްސަލް މުބާރާތެއްކުޅޭ ފުރަތަމަ ފަހަރެވެ.

ނައިވާދޫން ވަނީ ވިދިވިދިގެން ހދ. އަތޮޅުގެ ޗެމްޕިއަންކަމާއި ޒޯން 1 ގެ ޗެމްޕިއަންކަން އެތައް ފަހަރަކު ހޯދައި، އުތުރުގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ދަމަހައްޓާފައެވެ.
މީގެއިތުރުން 2025 ވަނަ އަހަރު މުޅި މުބާރާތުގެ ގްރޭންޑް ފައިނަލަށް ދަތުރުކޮށް، މުޅި ރާއްޖޭގެ ރަނަރަޕްކަން ނައިވާދޫން ހޯދާފައިވެއެވެ. އަދި
އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލުގައި ގއ. ދެއްވަދޫ 9-3 އިން ބަލިކޮށް، ނައިވާދޫން ވަނީ މުޅި ރާއްޖޭގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކާމިޔާބުކޮފައެވެ.