ދިވެހިރާއްޖޭގެ 15 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ %4.7 މީހުންނަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ ހިތުގެ ދުވަހާ ގުޅުވައިގެން އެޗްޕީއޭ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި މަރުވާ މީހުންގެ %84 އަކީ ގައިންގަޔަށް ނާރާ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ކަމަށެވެ.

Ad
rt

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހިތުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ޑޮންޓް މިސް އަ ބީޓް" (Don’t Miss a Beat) އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މި ޝިޢާރުގެ މައިގަނޑު މަޤްޞަދަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ އަލާމާތްތައް ދުރާލާ ދެނެގަނެ، ފަރުވާ އަވަހަށް ފެށުމަށް ބާރުއެޅުމެވެ. އަދި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަމަލީ ބަދަލުތަކެއް ގެނައުމާއި، ދުރާލާ ސްކްރީން ކުރުމަށް އާންމުން އަހުލުވެރިކުރުވުން ހިމެނެއެވެ.

"ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓަރ ސަރވޭ 2020-2021" ގެ މައުލޫމާތުތަކަށް އަލިއަޅުވާލައި އެޗްޕީއޭ އިން ބުނީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 37,038 މީހުން ގައިންގަޔަށް ނާރާ ބައްޔަށް ސްކްރީން ކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން %21.2 މީހުންނަކީ ކޮލެސްޓްރޯލް މަތީގައި ހުރި މީހުންނަށްވާއިރު، %10.4 މީހުންނަކީ ހަކުރުބަލި ތަޙައްމަލުކުރާ މީހުންނެވެ. އަދި ސްކްރީން ކުރެވުނު މީހުންގެ %18 މީހުންނަކީ ލޭމައްޗަށް ދާ މީހުންގެ ގޮތުގައި ރިކޯޑު ކުރެވިފައިވާ މީހުން ކަމަށާއި، ލޭމައްޗަށް ދިއުމަކީ ހިތުގެ ބައްޔަށް ހުށަހެޅޭ މައިގަނޑު އެއް ހިރާސް ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ހިލޭ މެޑިކަލް ސްކްރީނިންގ ހެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

ގައިންގަޔަށް ނާރާ ބަލިތަކަށް މީހުން ހުށަހެޅޭ މިންވަރު ދެނެގަތުމަށާއި ދުރާލާ ސްކްރީން ކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއަރގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ދަމަނަވެށީގެ އިތުރުން 'އާރބަން ޕްރައިމަރީ ހެލްތު ކެއާރ ސެންޓަރ' ގެ ނަމުގައި މާފަންނުގައި މަރުކަޒެއް ހުޅުވައި 2025 ނޮވެމްބަރުގައި ޚިދުމަތް ދެމުންދާއިރު، އަތޮޅުތެރޭގައި ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ހުރިހާ އަތޮޅެއްގެ ޞިއްޙީ ޚިދުމަތްތެރިންނަށް ތަމްރީނު ދީ، ދުރާލާ ސްކްރީންކޮށް މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހިތުގެ ބަލިތަކުގެ ނުރައްކާއިން ރައްކާތެރިވުމަށްޓަކައި، އަންނަން އޮތް ޖީލުތަކަށް އަމާޒުކޮށް "ޖެނެރޭޝަނަލް ބޭން" ގެ ނަމުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ސިޔާސަތެއް ތަޢާރަފުކޮށް، ދުންފަތުން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް މިއަހަރުގެ މޭ މަހު 5 އަހަރުގެ ޤައުމީ ކެމްޕޭނެއް ފެށިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މީގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމުގެ ގޮތުން "ދުޅަހެޔޮ ޞިއްޙަތަކަށްޓަކައި ހަރަކާތްތެރިވެ އުޅުމާ ގުޅޭ" ގައިޑްލައިނާއި "ފައިދާހުރި ކާނާ ބޭނުންކުރަންވީ ގޮތުގެ އިރުޝާދުތައް" ހިމެނޭ ޤައުމީ ދެ ގައިޑްލައިނެއް ވަނީ އެކުލަވާލާފައެވެ.

އެޗްޕީއޭ އިން ވަނީ ކޮންމެ އުމުރެއްގެ މީހަކުވެސް ހިތުގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކުޑަކުދިން ދުޅަހެޔޮ ކާނާ ކެއުމާއި ސްކްރީން ޓައިމް މަދުކުރުމަށް އިރުޝާދުދީފައިވާއިރު، ޒުވާނުންނާއި ބޮޑެތި މީހުން ދުންފަތާއި ވޭޕުން ދުރުހެލިވެ، ލޭގެ ޕްރެޝަރާއި ހަކުރު އަދި ކޮލެސްޓްރޯލް ގަވާއިދުން ޗެކްކުރުމަށް ބާރުއަޅާފައިވެއެވެ. އަދި ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ހަފުތާއަކު މަދުވެގެން 150 މިނެޓު ވަންދެން ހިނގުން ނުވަތަ ފެތުން ފަދަ އާދައިގެ އެރޮބިކް ކަސްރަތު ކުރުމަށާއި، ލޮނާއި ހަކުރާއި ސަރުބީ ގިނަ ކާނާއިން ދުރުހެލިވެ ފައިދާހުރި ކާނާ ބޭނުންކުރުމަށް އެޗްޕީއޭ އިން އިރުޝާދު ދެއެވެ.