ށ. ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އެރަށު ވަގުތީ މިސްކިތުގައި މުށިޖެހުމަށް ކުރިއަށްގެންދިޔަ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަސައްކަތަކީ އެ ރަށުގެ "ޔުނިޓީ ސްޕޯޓްސް އެކަޑަމީ" އިން އިސްނަގައިގެން، ހެޔޮއެދޭ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

Ad
rt

އެ ކުލަބުން މައުލޫމާތު ދޭ ގޮތުގައި، މި މިސްކިތުގައި މުށިޖެހުމުގެ މަސައްކަތް ކުރިއަށްދިޔައިރު، އެ ކުލަބުގެ މެންބަރުންގެ އިތުރުން ރަށުގެ އިޖުތިމާއީ ކަންކަމުގައި އަބަދުވެސް އެހީތެރިވެދޭ ގިނަ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބިފައިވެއެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށާއި، މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވި ކުލަބުގެ ހީވާގި މެންބަރުންނަށް ކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ފުނަދޫ ކައުންސިލުގެ ރައީސް މުހައްމަދު އާދިލްގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން ފާހަގަކޮށް، ކައުންސިލުގެ ރައީސަށްވެސް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީއަކީ އެރަށުގެ އިޖުތިމާއީ އުމްރާނީ ތަރައްގީގައި ވަރަށް ހަރަކާތްތެރިކަމާއެކު އެއްބާރުލުންދެމުން އަންނަ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

މިގޮތުން އެ އެޑަމީން ކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު، އެ އެކަޑަމީން ވަނީ ބީއެމްއެލްގެ އެހީގައި އެރަށު ސްކޫލާ ކައިރީގައި ހިތްފަސޭހަ މާހައުލެއްގައި، ގުދުރަތީ ރީތިކަން ފެންނަން ހުންނަ "ދައްފަޅު" ކައިރީގައި ބެންޗުތަކެއް ބަހައްޓައިދީފައެވެ. އަދި ށ.އަތޮޅު ކައުންސިލް ގްރާންޓްގެ ދަށުން އެރަށުގައި ތިމާވެއްޓާއި ރައްޓެހި ބާބަކިއު އޭރިއާއެއް ވަނީ ތަރައްގީކޮށްފައެވެ. މީގެ އިތުރުން ވެސް ރަށުގެ އިޖުތިމާއީ ރޫޙް އާލާކޮށް ދަމަހައްޓަން އެކި ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތައް އެ އެކަޑަމީން އަންނަނީ ހިންގަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޔުނިޓީ ސްޕޯޓްސް އެކަޑަމީއަށް ވަނީ ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަޙައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްޤީކުރުމަށް މިހާރު ބީއެމްއެލް ފަންޑުގެ އެހީތެރިކަން ލިބިފައެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމަޢުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެކެވެ.