ޔޫއެފާ ނޭޝަންސް ލީގުގައި ހޯމަ ދުވަހު ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ޕިއޯ އެސްޕޮސީޓޯއާއި އޭނާގެ ބޭބެ ސެބަސްޓިއާނޯ އެސްޕޮސީޓޯ ހިމެނި، ސައްތައަކަށްވުރެ ގިނަ އަހަރު ފަހުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ދެ ބެއިން ކުޅުނު ފުރަތަމަ މެޗަށް އެ މެޗު ވެއްޖެއެވެ.
މި މެޗުން އިޓަލީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
އުމުރުން 24 އަހަރުގެ ސެބަސްޓިއާނޯއަށް މިއީ ގައުމީ ސީނިއާ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. އުމުރުން 21 އަހަރުގެ ޕިއޯ މީގެ ކުރިން އިޓަލީއަށް 10 މެޗު ކުޅެ ފަސް ލަނޑު ޖަހާފައިވާއިރު، ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ލަނޑެއް ޖެހުމަށް ފުރުސަތެއް ތަނަވަސްކޮށްދީފައެވެ. މީގެއިތުރުން ސެބަސްޓިއާނޯއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޕިއޯ ބުނީ އޭނާ ގައުމީ ސީނިއާ ޓީމަށް ފުރަތަމަ ކުޅުނު މެޗު އަދިވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުރި ކަމަށެވެ. އެއީ މިދިޔަ އަހަރު ކަމަށްވުމުން، ބޭބެގެ ކޮނޑަށް އިތުރު ފިއްތުންތަކެއް ނުކުރުމަށް މަސައްކަތްކުރި ކަމަށް އޭނާ ބުންޏެވެ. އަދި ބޭބެ އެ މެޗުގެ އުފާ ފުރިހަމައަށް ހޯދި ކަމަށް އުއްމީދުކުރާ ކަމަށާއި، ބޭބެއާއެކު މިފަދަ ތަޖުރިބާއެއް ހިއްސާކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ފުރުސަތުތަކެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
އިޓަލީގެ ގައުމީ ޓީމަށް އެއް މެޗެއްގައި ދެ ބެއިން ކުޅުނު މިއީ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން 2000 ވަނަ އަހަރު ފިލިޕޯ އިންޒާގީއާއި ސިމޯނޭ އިންޒާގީވެސް ވަނީ އެކުގައި މެޗެއްގައި ކުޅެފައެވެ. ނަމަވެސް، މެޗެއްގެ ފުރަތަމަ އެގާރައިގައި ދެ ބެއިން ހިމެނިގެން ކުޅެފައިވަނީ އެންމެ ފަހުން 1915 ވަނަ އަހަރުއެވެ. އެ އަހަރު ސުވިޒަލޭންޑް އަތުން 3-1 އިން އިޓަލީ މޮޅުވި މެޗުގައި ހުރިހާ ލަނޑެއް ޖެހީ އަލްޑޯ ސެވޭނީނީއާއި ލުއިޖީ ސެވޭނީނީއެވެ.
ސެބަސްޓިއާނޯ ގައުމީ ޓީމަށް ކުޅުމާއެކު، އެސްޕޮސީޓޯ އާއިލާގެ ތިން ބެއިން ވަނީ އިޓަލީގެ ގައުމީ ޓީމަށް ކުޅެފައެވެ. މިއީ އިޓަލީގެ ސީނިއާ ގައުމީ ޓީމަށް އެއް އާއިލާއެއްގެ ތިން ބެއިން ކުޅުނު ފުރަތަމަ ފަހަރެވެ. މި ތިން ބެއިންގެ ތެރެއިން އެންމެ ދޮށީ، އުމުރުން 25 އަހަރުގެ ސަލްވަތޯރޭ އެސްޕޮސީޓޯ ވަނީ 2022 ވަނަ އަހަރު އިޓަލީއަށް މެޗެއް ކުޅެދީފައެވެ.
ކްލަބް ފުޓްބޯޅައަށް ބަލާއިރު، ޕިއޯ ވަނީ މިދިޔަ ސީޒަނުގައި އިންޓަ މިލާންގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ސެބަސްޓިއާނޯ ވަނީ މި ހޫނު މޫސުމުގައި ކަލިއާރީއިން ލޯނު އުސޫލުން ސަސުއޯލޯއަށް ބަދަލުވެފައެވެ. އިޓަލީގެ ކޯޗުކަމާ އަލުން ހަވާލުވި ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ބެލްޖިއަމް އަތުން 2-0 އިން ބަލިވި ނަމަވެސް، ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީގެ ކުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!